
ބެންޒެމާ އަލް އިއްތިހާދަށް ސޮއިކުރިކަން އަލް އިއްތިހާދުން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭއެވެ. އެ ކްލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ބެންޒެމާ ދައްކާލީ ރޭ އޮތް އިވެންޓެއްގައެވެ.
ކުލަ ގަދަ ރަސްމިއްޔާތެއްގައި ބެންޒެމާ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭއްވި އިވެންޓަށް އެތައްހާސް ސަޕޯޓަރުންނެއް އިއްތިހާދުގެ ދަނޑަށް ރޭ އެއްވިއެވެ. މި އިވެންޓަށް ބެންޒެމާ ދިޔައީ މިދިޔަ އަހަރުގެ އޭނާއަށް ލިބުނު ބެލޮންޑޯ އެވޯޑާއެކުއެވެ.
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރިއާލް މެޑްރިޑުން ސައުދީ އަރަބިއްޔާގެ އަލްއިއްތިހާދަށް ބެންޒެމާ ބަދަލުވީއިރު، ރިއާލްއަށް އެންމެ ފަހު މެޗު ބެންޒެމާ ކުޅުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ މެޗުގައިވެސް ބެންޒެމާ ލަނޑު ޖެހިއެވެ.
ބެންޒެމާ، ރެއާލް ދޫކޮށްލަން ނިންމީ 14 އަހަރު އެކްލަބަށް ކުޅުމަށްފަހުއެވެ. އުމުރުން 35 އަހަރުގެ ބެންޒެމާ ވަނީ އެޓީމަށް 439 މެޗު ކުޅެދީ 238 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލްއާއެކު 24 މޭޖާ ޓްރޮފީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ފާހަގަކޮށްލެވެއެވެ.
މި ސީޒަންގެ ސައުދީ ޕްރޯ ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް އަލް އިއްތިހާދަށް ބަދަލުވި ބެންޒެމާގެ އެއްބަސްވުމުގެ އަގު، 643 ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމަށް ވާނަމަ އޭނާއަށް އަހަރެއްގެ މައްޗަށް 214 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ހަފްތާއަކަށް ބަލާނަމަ ކޮންމެ ހަފްތާއަކު 4.12 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.
ސައުދީ އަރަބިއްޔާއަށް ބެންޒެމާ ބަދަލުވިއިރު، ބެންޒެމާއާއެކު ގިނަ ދުވަސްތަކެއް ރިއާލްގައި ހޭދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިހާރު ކުޅެނީ ސައުދީ ލީގުގައެވެ. ސައުދީ ކްލަބަކުން އަންނަނީ ދުނިޔޭގެ ރެކޯޑް އަގަކަށް މެސީވެސް އެ ލީގަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.