ރާއްޖެއަށް ކުރުމަށް ނިންމާފައިވާ ދަތުރުތަކާ ގުޅޭގޮތުން އޮމާން އެއާއިން ބުނެފައިވަނީ އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ހަފުތާގެ ހަތަރު ދުވަހު ރާއްޖެއަށް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުން ފަށާ މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ދަތުރުތައް 2016 ވަނަ އަހަރު ހުއްޓާލުމަށްފަހު، އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށާފައިވަނީ 2018 ވަނަ އަހަރުގައެވެ.
އޮމާން އެއާއިން މިހާރު ރާއްޖެއަށް ކުރަމުން ދަނީ ޗާޓަރު ދަތުރުތަކެވެ. އެ ދަތުރުތަކަކީ ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަށް ބާއްވާ ދަތުރުތަކެކެވެ.
އޮމާންގެ ގައުމީ އެއާލައިން، އޮމާން އެއާގެ ހިދުމަތް ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. އެ އެއާލައިނުން 36 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އެއާލައިނުގެ ފްލީޓްގައި 41 ބޯޓު އޮވެއެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުން އަންނައިރު، 35 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތަައް ބާއްވަމުންނެވެ.