
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ އެންގޯލޯ ކަންޓޭ ސައުދީ އަރަބިއްޔާ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދަށް ބަދަލުވާން ނިންމިކަން މިދިޔަ ހަފްތާގައިވަނީ އާއްމުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކާންޓޭގެ އަލް އިއްތިހާދު ޑީލް މި ވަގުތު މަޑު ޖެހިފައިއޮތީ އެ ކްލަބުގެ މެޑިކަލްއާ ހިސާބުގައެވެ. ސީރިއަސް އަނިޔާތަކެއްވެ އެކި ފަހަރު މަތިން ގިނަ ދުވަސްތަކެއް ނުކުޅެ ހުރި ކާންޓޭގެ މެޑިކަލްގައި ބައެއް މައްސަލަތައް ދިމާވެފައިވާތީ އޭނާއާ އަލްއިއްތިހާދާ އެކު އަދި ރަސްމީ އެއްބަސްމެއްގައި ސޮއި ނުކުރެވެއެވެ.
ކަންޓޭ ވަނީ އަލް އިއްތިހާދާއެކު 2025 ގެ ނިޔަލަށް ކޮންޓްރެކްޓް ހަދަން އެއްބަސްވެފައެވެ. މި އެއްބަސްވުން ހަދަނީ 100 މިލިއަން ޔޫރޯގެ ބޮޑު އަގަކަށެވެ. އެހެންނަމަވެސް އެއްބަސްވުމުގައި ސޮއި ކުރާނީ މެޑިކަލް ކަންކަން ހަމަ ޖެހުމުންނެވެ.
ކަންޓޭގެ މެޑިކަލް މައްސަލަތަކެއް ދިމާވެ ސޮއި ކުރުން މަޑު ޖެހިފައިވާއިރު، ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ކުރި ކަރިމް ބެންޒެމާވެސް މިހާރު ވަނީ އަލް އިއްތިހާދަށް ބަދަލުވެފައެވެ. މި ދެކުޅުންތެރިންނަކީވެސް ފްރާންސްގެ ކުޅުންތެރިންނެވެ.
ސައުދީގެ ކްލަބުތަކުން އަންނަނީ ދުނިޔޭގެ ނަން ހިނގާ މޮޅެތި ކުޅުންތެރިން އެގައުމުގެ ކްލަބުތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމީހުން އަންނަނީ އެކަމަށް ބޮޑު ހަރަދެއްވެސް ކުރަމުންނެވެ.
ޗެލްސީއާއެކު ކަންޓޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ލެސްޓާ ސިޓީއަށްވެސް ކުޅުނު ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 109 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައެވެ.