އިނގިރޭސިވިލާތުން ރާއްޖެ އާއެކު ފްރީ ޓްރޭޑް އެއްބަސްވުން އެކުލަވާލައި ސޮއި ކުރުމަށްޓަކައި މަޝްވަރާތައް ފެށުމަށް ނިންމާފައިވާކަން ހާމަކުރުމުން އެކަމަށް މަރުހަބާ ކިޔާ މިފްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ރާއްޖޭން އިނގިރޭސިވިލާތަށް ބޭރު ކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީއަށް އިނާޔަތް ލިބޭނެ ކަމަށާއި އެއްބަސްވުމުގެ ސަބަބުން މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ލިބޭ މަންފާ އިތުރުވާނެ ކަމަށެވެ.
މި އެއްބަސްވުމާ އެކު މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އިތުރުވެ މަސްވެރިކަމަށް އިތުރު އިންވެސްޓްމެންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ފެށިގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތްތަކެއް ކަން ފާހަގަކޮށް މިފްކޯއިން ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.
ރާއްޖެ އާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި މަޝްވަރާތައް ފެށުމަށް ނިންމާފައިވާކަން އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.
އިނގިރޭސިވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާ އިއްޔެ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ރާއްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާ އެކު ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގުތިސޯދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި ރާއްޖެ އާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.