ޖުމްހޫރީ ޕާޓީގެ ރިޔާސޯ ޓިކެޓް ގާސިމަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމަށް މިވަގުތު ބޮޑެތި ދުއްތުރާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުފޯރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
އަވަށްޓެރި އިންޑިއާގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ފޯރާފައިވާކަމަށް ސިޔާސީ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ބާރުލިބޭގޮތަށް ނުސީދާކޮށް ގާސިމް ބޭރުގެ ނުފޫޒުގެ ވާހަކަ ވިދާޅުވިއިރު ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާކަމަށް ގާސިމް ފާޅުގައި މިރޭ ވިދާޅުވިއެވެ.
ބޭރުގެ ނުފޫޒު ރާއްޖޭގައި ގަދަވެފައިވާކަން ތަކުރާރުކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީހާލަތު ދަށްވެ، ދަރަނިވެރިވެ ގައުމުގެ މިސްރާބު ގެއްލިފައިވާ ކަމަށެވެ.
މީގެއިތުރުން މިއަދު ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނައަޅާފައިވާކަމަށާއި ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށްފައިވާކަމަށާއި ރާއްޖޭގެ ކަންކަން ބަދަލުވާން ޖެހިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގައުމު މިހާރު އޮތް ހާލަތުން އަމާނާތްތެރި ވިސްނުންތެރި ހިކުމަތްތެރި ވެރިއަކަށް ގައުމު އެދި ގޮވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.