
ޖުމްހޫރީ ޕާޓީގެ ޓިކެޓު ލިބުމާއި ގުޅިގެން ގާސިމް އިބްރާހިމްއަށް މަރުހަބާ ދަންނަވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހްހޫރީ ޕާޓީގެ ޓިކެޓު ލިބުނީތީ ގާސިމް އިބްރާހިމް އަށް މަރުހަބާ ދަންނަވާކަމަށެވެ.
ގާސިމް އިބްރާހިމްއާއި ރައީސް ނަޝީދު އެކުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ރައީސް ނަޝީދާއި ގާސިމް އިބްރާހިމް މަޝްވަރާވެސް ކުރެއްވިއެވެ. ނަމަވެސް، އެ ބައްދަލުވުންތައް ކާމިޔާބެއް ނުވިއެވެ.
ރައީސް ނަޝީދާއި ކޯލިޝަން ހަދަން ނުނިންމެވީ "އެހެން މީހަކަށްވެރިކަން ދީގެން ރައީސް ނަޝީދަށް ކެތް ނުކުރެވޭނެތީ" ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަދި އެގްރީމަންޓަކާއި ހަމައަށް ނުދެވުނީ ވެސް ގާސިމް އިބްރާހިމް އަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް "މަގުކޮށަން ހުރި މީހެއްކަމަށް" ހީވުމުންކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކޯލިޝަނުގެ ޕާޓީއެއްކަމަށްވާ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ނަމަވެސް ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެފައެވެ.