ads
އާބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރުން - ފޮޓޯ:އާބަންކޯ
3،000 ބައިވެރިންނާ އެކު ދުނިޔެ މަގޭ – ސާފު ހުޅުމާލެ ކާމިޔާބު އިވެންޓަކަށް
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އާބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު އިވެންޓު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އާބަންކޯއިން ބުނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 10:30 އާ ހަމައަށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކާއި އެކި ޖަމިއްޔާތަކުން ޖުމްލަ 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. 

މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ ހަތް ބަޔަކަށް ބަހާލައި، އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ޓީމުތައް ބަހައިގެން ވަނީ ސާފުކޮށްފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ ކޮކާ-ކޯލާ، މޯޕާ، ވެމްކޯ، އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން އަދި ވެލިގާ ހާޑްވެއާގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

your imageއާބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރުން - ފޮޓޯ:އާބަންކޯ

މި އިވެންޓު ނިންމާލުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރެއިން މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހާއްސަ ހަނދާނީ ފިލައެއް އާބަންކޯގެ ފަރާތުން ދީފައިވާ ކަަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓް ކަމުގައެވެ. މިފަދަ އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭ ކަމަކަށް ހެދުމަށް އާބަންކޯގެ ފަރާތުން މިއަދު ހާއްސަ ޗެލެންޖެއް ތައާރަފުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageއާބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރުން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނެފައިވަނީ މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން އެއް މަސްދުވަހުގެ ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށްފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީ ކަމަށެވެ. އެ ކޯޕަރޭޝަނުން މިއަދު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވަނީ ސްޓެލްކޯއަށް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުންވެސް ސާފު ކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖު ކުރާ އިދާރާއަކަށް ރަމްޒީ މަށަންދައްޗެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން ރަމްޒީ މަށަންދަތީގެ ފިލާ ސްޓެލްކޯއަށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

އާބަންކޯއިން ބުނި ގޮތުގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން މި ހަރަކާތް ކުރިއަށް ގެންދިޔައިރު، ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މިނޫންވެސް ހަރަކާތްތައް މި އަހަރުގެ ތެރޭގައި ރާވާލެވިފައިވާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް