ރާއްޖޭގައި ޑުއަލް ކޮންސެޕްޓަށް ހުޅުވި ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ މޫވެންޕިކާއި ޑޯނާ ކަބާބް އަދި ވާލީ ގުޅިގެންނެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ޝަހީދު އަލީ މިސްކިތް ކައިރީގައެވެ.
އައުޓްލެޓް ހުޅުވުމަށް ބޭއްވި އިވެންޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މޫވެންޕިކުން ސައުތް އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ބްރޭންޑް އެމްބެސެޑަ އޭވީއެމް ރާއޯ ވިދާޅުވެފައިވަނީ ޑުއަލް ކޮންސެޕްޓަށް ހުޅުވުނު މި އައުޓްލެޓާ އެކު އާންމުންނަށް ތަފާތު ރަހަތަކެއް އެއްތަނަކުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ ޑުއަލްކޮށް މޫވެންޕިކް އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށް ރާއޯ ވިދާޅުވީ ގުދުރަތީ ރަހަތަކާ އެކު މޫވެންޕިކް ތަޖުރިބާކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދިއުމަކީ އެކަމާ އުފާކުރައްވާ ކަމެއް ކަމަށެވެ.
ރާއްޖޭން ބޭރުގެ ދެ ފްރެންޗައިޒް އެކުވެގެން ހުޅުވި ފުރަތަމަ އައުޓްލެޓާ ބެހޭގޮތުން ޑޯނާ ކަބާބް މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިގޮތަށް އައުޓްލެޓެއް ހުޅުވީ ރިސާޗްތަކެއް ކޮށްފައި ކަމަށެވެ. ޑޯނާ ކަބާބްގެ ކަސްޓަމަރުންނަށް ފައިން ޑައިނިން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މި އައުޓްލެޓް ހުޅުވުމަށް ބޭއްވި އިވެންޓުގައި އައިސްކްރީމް އާއި އެހެނިހެން ބައެއް ރަހަތައް ހިލޭ ބަލައިލުމުގެ ފުރުސަތު ދީފައިވެއެވެ.