
ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން މަހްރޭޒް ތައްޔާރުވެފައިވަނިކޮށް، ސައުދީގެ މި ހުށަހެޅުން އައިސްފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ފަސް ފަހަރު ޕްރިމިއަ ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 32 އަހަރުގެ މަހްރޭޒްއަށް ސައުދީން ހުށަހަޅާފައިވަނީ އަހަރަކު 40 މިލިއަން ޕައުންޑްގެ އިތުރުން ބޯނަހެވެ.
ސައުދީން އަންނަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސައުދީގެ އަލް އިއްތިހާދަށް މިދިޔަ ހަފްތާގައި ފްރާންސްގެ ކަރީމް ބެންޒެމާ ސޮއިކޮށްފައިވާއިރު، މި އަހަރު ފެށުނީ ދުނިޔޭގެ ރެކޯޑް އަގަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ކްލަބަކަށް ގެންގޮސްގެނެވެ. ދުވާލަކު މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއް މެސީއަށްވެސް ސައުދީން ހުށަހެޅިއެވެ. އެކަމަކު މެސީ ބަދަލުވާން ނިންމީ އެމެރިކާ ލީގަށެވެ.
ރިޔާދް މަހްރޭޒަށް ސައުދީގެ ލޯ އަމާޒުވިއިރު، އަލްޖީރިއާގެ މި ކުޅުންތެރިޔާއަކީ މުސްލިމެކެވެ. އޭނާވަނީ މި ސީޒަންގައި ސިޓީއަށް 15 ލަނޑު ޖަހާފައެވެ.