ނިއުޝާ މިހެން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލާގައި އަސްލަމް ނިއުޝާއަށް ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ. ސިޓީ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރައްވާފައިވާއިރު ސިޓީ މިހާރުވަނީ އާއްމު ވެފައެވެ.
އަސަމް މަޖިލީހުގެ އަމީން އާއްމަށް ސިޓީއެއް ފޮނުއްވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ގަވައިދުގައިވާ ގޮތުގެ މަތިން މަޑުޖައްސާލާފައިވާ ކަމަށް މަޖިލީހުން އެންގުމުންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ދިން 14 ދުވަހުގެ ނޯޓިސް މާދަމާއަށް ހަމަވާއިރު، ކޮމެޓީތައް އެކުލަވާލެވެންދެން އެ މައްސަލަ ފަސްކުރަން މަޖިލީހުން ވަނީ ނިންމާފައެވެ.
ނިއުޝާ އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމެޓީތަށް އަލުން އެކުލަވާލުމަށް މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ބޭއްވުމަށް ނިންމި ނަމަވެސް އެކަން މަޑުޖައްސާލީ އަސްލަމްގެ އެެދިވަޑައިގަތުމަށް ކަމަށެވެ.
ނިއުޝާ ވިދާޅުވީ އެ ޖަލްސާގައި އެ މައްސަލައަށް ވޯޓަށް އެހުން ފަސްކުރައްވައި މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ހ)ގެ ދަށުން ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާކުރައްވައިގެން އަލުން އެ ނިސްބަތް ކަނޑައެޅުވުމަށް މަޖިލީހުން ނިންމެވީ އަސްލަ އެދިވަޑައިގެންނެވުމުން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލާގައި ނޯޓިސް ދީފައިވީ ނަމަވެސް އެމައްސަލަ އަދި މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ނުކުރެވޭކަމަށާއި އެހެންކަމުން މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ކޮމެޓީތައް އެކުލަވާލުމަށް ހުރަހެއް ނެތްކަމަށް އަސަލަމަށް ނިއުޝާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް އަސްލަމް މަޖިލީހަށް ފޮވުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް މިހާރުވެސް އޮތް ގޮތަށް، ކޮމެޓީތަކަށް ބަދަލު އަންނަންދެން ކުރިއަށް ގެންދެވޭނެކަމަށާއި މަޖިލީހުގެ އެހެން މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
ނަމަވެސް މިމައްސަލާގައި ނިއުޝާ ދެކިލައްވާ ގޮތުގައި މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ގޮތަށް މިހާރު އައިސްގެން އުޅެނީ ބޮޑު ބަދަލެކެވެ. އެހެންކަމުން އެމްޑީޕީން ވަކިވި 13 މެންބަރުން ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރަމުންދިޔަ ހައިސިއްޔަތު މިހާރު ވަނީ ގެއްލިފައިކަމަށް ނިއުޝާ ވިދާޅުވިއެވެ.