ads
ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން ބަލިކޮށް، މެންޗެސްޓާ ސިޓީން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.

އިސްތަމްބުލްގެ އަޓާޓޫކް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލްގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ސިޓީން މަސައްކަތް ކުރަމުން ދިޔައީ، ކުރިއަށް ޖެހިގެން އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ އާލިން ބްރައުޓް ހާލަންޑަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ އިންޓަގެ ކީޕަރު އަންދްރޭ އޮނާނާއެވެ. 

ސިޓީގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑިބްރޭންއަށް އަނިޔާވެގެން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ފިލް ފޮޑެންއެވެ. 

ސިޓީ މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ކުޅުންތެރިންގެ ތެރެއިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ. 

your imageރޮޑްރީ ޖެހި ލަނޑު

އޭގެ އިރުކޮޅެއް ފަހުން އިންޓަވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. ނަމަވެސް ޑިމާކޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. މެޗު ނިމެނިކޮށް ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ސިޓީގެ ކީޕަރު އެޑާސަންއެވެ.  

ސިޓީގެ ލީޑު ފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޮޑެންއަށެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެފައި އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިންޓަގެ ކީޕަރު އޮނަނާއެވެ. 

މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ސިޓީން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އަދި މިދިޔަ 13 އަހަރުގެ ތެރޭގައި އިންޓަ މިލާން މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރުވެސްމެއެވެ. މިދިޔަ ސީޒަންގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ސިޓީ ބަލިވިއިރު، އޭގެ ކުރިން ސީޒަންގެ ފައިނަލުގައި ޗެލްސީ އާއި ބައްދަލުކޮށް ސިޓީއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ސިޓީން ކާމިޔާބު ކުރިއިރު، އެޓީމުން ވަނީ މި ސީޒަންގެ ޕްރިމިއާ ލީގު އަދި އިނގިރޭސި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. ސިޓީ ފިޔަވާ މި ތިން ތަށި އެއް ސީޒަނެއްގައި ހޯދިފައިވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް އެކަންޏެވެ. ޔުނައިޓެޑުން ވަނީ 1998-99 ސީޒަންގައި މި ތިން ތަށި ކާމިޔާބު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް