
މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ވާދަކުރިއެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން މުބާރާތް ނިންމާލަން ޖެހުނީ ގަދަ 16 އާއި ހަމައިންނެވެ.
މިފަހަރުގެ މުބާރާތުގައި އިންޑިއާ އަދި ތައިލެންޑުން ވަނީ ކޮންމެ ޓީމަކުން ދެ އިވެންޓުގެ އެއްވަނަ ހާސިލްކޮށްފައެވެ.
ހޮނިހިރު ދުވަހު ކުރިއަށް ދިޔައީ ކޮންމެ އިވެންޓެއްގެވެސް ފައިނަލް މެޗުތަކެވެ. މިކްސް ޑަބަލްސް ފައިނަލުގައި ވާދަކުރީ އެމެރިކާގެ ވިންސަން ޗިއު އަދި ޖެނީ ގައި ގެ ޕެއާ އާއި މެލޭޝިޔާގެ ހޫ ޕަން ރޮން އަދި ޓިއޯ މޭ ޝިންގެ ޕެއާއެވެ. މި މެޗު 21-13 އަދި 21-18 ން ކާމިޔާބުކުރީ މެލޭޝިޔާ ޓީމުންނެވެ.
މެންސް ސިންގަލްސް ފައިނަލުގައި މެލޭޝިޔާގެ ސޫން ޖޫ ވެންގެ މައްޗަށް އިންޑިއާގެ ރަވީ ކުރިހޯދީ 21-18 އަދި 21-19 ންނެވެ. މެންސް ޑަބަލްސްގައި މެލޭޝިޔާ ޓީމުގެ މައަޗަށް ތައިލެންޑުން ކުރިހޯދީ 21-16 އަދި 21-19 ންނެވެ. އަދި ވިމެންސް ޑަބަލްސްގައި ތައިލެންޑުން އިންޑިއާ ޓީމު ބަލިކުރީ 21-15 އަދި 24-22 ންނެވެ.
އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރީ އިންޑިއާގެ ތަސްނީމް މިރް އާއި އަޝްމީތާ ޗަލިހާއެވެ. މި މެޗު 21-19، 17-21 އަދި 11-21 ން ކާމިޔާބުކުރީ އަޝްމީތާއެވެ.