މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް މިހާރު ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިވަނީ ފެތުރިފަ އެވެ. މިބަލިން އަރައިގަތުމަށް ރާއްޖެއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭން އުޅުމުން އެކަމަށް ދިވެހި ސަރުކާރުން ދެކޮޅު ހެދިކަމުގެ ތުހުމަތާއެކު އެކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލީޖޮންގް މިވަނީ ދޮގު ކުރައްވާފަ އެވެ.
ސަފީރު އިތުރަށް ވިދާޅުވީ އެ ބަލިން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރެވެމުންދާ ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އުޅުމުން އެކަން ދިވެހި ސަރުކާރުން ގަބޫލުނުކުރިކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން އަންނައިރު މިރޭ ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގެ މައުލޫމާތު ހިއްސާކުރާ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވެސް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ކޮރޯނާ ވައިރަސް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް އިންޑިއާގެ ސިއްހީ މާހިރުންްގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު އެތައް ބޭހެއް ދިވެހި ސަރުކާރަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި ވަގުތީ ގޮތުން އެފަދަ ބޭސްތައް އެކްސްޕޯޓް ކުރުން އެގައުމުން މެދުކަނޑާލި ނަމަވެސް ދެ ގައުމުގެ މެދުގައިވާ ގާތް ގުޅުމުގެ ސަބަބުން އިންޑިއާ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް މިބޭސްތައް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށެވެ.