އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.
މި ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރުމަށްފަހު ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މިއަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުން ކަމަށާއި، އެހެން ކަމުން އެ ފަރާތްތަކުން އަލަށް ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ.
ފަގީރުންގެ އާއިލާތަކުގައި މިމަހުގެ 22 ވަނަ ދުވަހަށް 18 އަހަރު ފުރޭ ކުއްޖަކު ހުރިނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރުއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.