ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމާއި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފާއި ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިންގެ އިތުރުން އަމިއްލަ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަލީ އާޒިމް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވިދާޅުވަނީ މަޖިލީހުގެ މަސައްކަތްތަކައިގެން ކުރިއަށް ދެވެން އަންނަނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މި ހިޔާލު ފާޅުކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ މި ދެ މައްސަލަ އެއްފަހަރާ ކުރިއަށް ގެންދަން ގާނޫނު އަސާސީންނާއި މަޖިލީހުގެ ގަވައިދުން ފުރުސަތު ނުދޭ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮންމެވެސް އެއް ބޭފުޅަކަށް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުތު ދެއްވާފާ ކުރިއަށް ދިއުމެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލަ އެޖެންޑާ ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ.
އީވާގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފަ އެވެ.
މިއަދުގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ނުކުރުމަށް އަމީން އާންމު ނިންމީ އެ ޖަލްސާގެ އިންތިޒާމު ކަނޑައަޅަންޖެހޭ އާންމު ކޮމިޓީ ފުރިހަމަ ނުވާކަމަށް ބުނެ އެވެ.