
ބިޝޯނީ ނަމަކަށް ކިޔާ ގުންޑާއެއްގެ ބިރުވެރިކަމުގެ ސަބަބުން ސަލްމާން ހާންއަށް އިންޑިއާ ސަރުކާރުން ވަނީ "ވައި ޕުލަސް" ފެންވަރުގެ ސެކިއުރިޓީއެއް މިދިޔަ އަހަރު ފަހުކޮޅު ދީފައެވެ.
އެއީ އިންޑިއާގެ މަޖިލިސް މެންބަރުންނާއި ބައެއް މިނިސްޓަރުންގެ ވެސް ސެކިއުރިޓީ ލެވަލެވެ. މާނައަކީ ސަލްމާން ހާންއަށް ނުރައްކާވަރަށް ބޮޑުކަމެވެ.
މިއަދު ދަރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ސަލްމާން ހާން އެނާގެ ވަރުގަދަ ސެކިއުރިޓީއާއެކު ހިނގާފައިދާތަނެވެ. ދަނިކޮށް އަންހެނަކު ސަލްމާން ހާންއަށް ގޮވައި އޭނާގެ ކުޑަ ހަ ވަރަކަށް އަހަރުގެ ފިރިހެން ދަރިފުޅާއެކު ފޮޓޯއެއް ނެގުމަށް އާދޭސް ކުރެއެވެ.
އެންމެ ފުރަތަމަ ސަލްމާން އަޑު ނީވޭކަމަށް ހަދައި ހިނގައި ގަތް ނަމަވެސް، އެ ކުޑަކުއްޖާ ވެސް ގޮވައި ފޮޓޯއެއް ނަގަން އެދެއެވެ. އެ ކުއްޖާގެ އެދުމާއެކު ސަލްމާން ހާންއަށް ކުރިއަށް އިތުރަށް ހިނގާކަށް ނުކެރުނެވެ. އޭނާ އެނބުރި އައިސް އެ ކުޑަކުއްޖާއާއެކު ފޮޓޯއަަކަށް ހުއްޓެއެވެ.
އެ މަންޒަރު ފެނި އެ ކުޑަކުއްޖާގެ މަންމައަށް ކެެތެއް ނުކުރެވުނެވެ. އޭނާ ފެށީ ގިސްލާ ރޯށެވެ.
އެގޮތައް ހުއްޓި ސަޕޯޓަރުންނާއެކު ފޮޓޯނަގަން މަޑުކުރުމަކީ މިވަގުތު ސަލްމާން ހާން އަށް ވަރަށް ނުރައްކާތެރިކަމެކެވެ. ނަމަވެސް، މިއީ ސަލްމާން ހާން މިފަދަ އަމަލެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ފިލްމު އެވޯޑަށް ދަމުން ވެސް ކުޑަކުއްޖަކާއެކު ފޮޓޯނަގަން ކުއްލިއަކަށް ހުއްޓުމުން ސަލްމާންގެ ސެކިއުރިޓީން ވެސް ވަނީ އެލާޓަށް އައިސްފައެވެ.