މީރާއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީއަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީރާއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމުގައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 30.4 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ މިއީ މި އަހަރުގެ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 1.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މި އަަހަރު މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މެއި މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށް ވުރެ އިތުރުވުން ކަމުގައި މީރާއިން ބުނެއެވެ.
މީރާއިން ބުނި ގޮތުގައި މެއި މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށް ވުރެ 3.6 އިންސައްތަ އިތުރުވެފައިވާތީ، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމުގައެވެ.
އަދި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަން ޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ މިކަމުގެ ސަބަބުން މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ.
މެއި މަހު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.