ހިރިޔާ ސްކޫލުން ބުނި ގޮތުގައި އެ ސްކޫލުން މިއަދު ވަނީ ޕެޓްރޯލް ލީޑާސް ކައުންސިލް މީޓިން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އޮންލައިންކޮށް މި މީޓިން ކުރިއަށް ގެންދަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އެންމެން އެއްތަންވެ މީޓިން ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކަމަށް ވެސް ސްކޫލުން ބުނެ އެވެ.
ހިރިޔާ ސްކޫލުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ހަތް ސްކައުޓުންނާއި ހަތަރު ލީޑަރުން ވަނީ ބައިވެރިވެފަ އެވެ.
ސްކޫލުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އޮންލައިން މީޓިންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ރާއްޖޭގެ ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގާފަ އެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ ސްކޫލުތައް ހުޅުވުން ވެސް ހަފުތާއަކަށް ފަސްކޮށްފަ އެވެ.
ކުރިން އޮތް ގޮތުންނަމަ އަންނަ އާދިއްތަ ދުވަހު، މިޑްޓާމް ބްރޭކަށް ފަހު ކިޔެވުން ފެށޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ވެސް ހުޅުވުން ފަސްކުރެވުންއިރު ސްކޫލު ބަންދު މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށާއި އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަކުރެވިފައިވާ ވެބް ޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރަމުންދަނީ ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.