އުރީދޫން ބުނީ ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި ޑިޖިޓަލް ޕޭމަންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިގެން ރަށްރަށަށް ޒިޔާރަތް ކުރާ ދަތުރުވެރިންނަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކްކޮށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފި ކަމަށެވެ.
އޮޑިއެޕްއަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާ އެކު ޗާޓަރު ކުރެވޭ އެޕެއް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕް އާއި އެމް-ފައިސާ އާއެކު ވެވުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައެވެ.
އެމް-ފައިސާގެ ރައްކާތެރި އަދި ހަރުދަނާ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާ އެކު، އޮޑިއެޕް ބޭނުން ކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގެ އިތުރު ލުއިފަސޭހަކަން މިހާރު ލިބިގެންދާނެ ކަަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނީ ބޮޑު އީދު ބަންދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ރަށްތަކަށް ފުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާއިރު މި ހިދުމަތާ އެކު އެ ފަރާތްތަކުގެ ދަތުރުފަތުރުގެ އިންތިޒާމު މިހާރު ލުއިފަސޭހަކަމާއި ރައްކާތެރިކަމާ އެކު ހަމަޖެއްސޭނެ ކަމަށެވެ.
އޮޑިއެޕްގެ ކޯ ފައުންޑާ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސިޔާހް ހަލީލް ވިދާޅުވެފައި ވަނީ އޮޑިއެޕްގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑް ބޯޓް ޓްރާންސްފާ ބުކިން ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އޮޑިއެޕްއިން ކޮންފާމް ކުރާ ބުކިންތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މި އަމާޒާ އޮޑިއެޕްގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ސިޔާހް ވިދާޅުވިއެވެ. ސިޔާހު ވިދާޅުވި ގޮތުގައި މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޑިޖިޓަލައިޒޭޝަންގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
އެމް-ފައިސާއަކީ އެމް-ފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހައް އޯޑަރުކޮށް ފައިސާ ދެއްކުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާއިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.