ކްރޮއޭޝިޔާއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ. ނެދަލެންޑްސްގެ ޑި ކުއެޕް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކްރޮއޭޝިޔާއިން ކާމިޔާބުކުރީ 4-2 ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ނެދަލެންޑްސް ޓީމުންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑޮންޔޭލް މަލެންއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރޮއޭޝިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންދްރޭ ކްރަމަރިޗްއެވެ. އޭގެ ފަހުން މާރިއޯ ޕަސަލިޗް ވަނީ ކްރޮއޭޝިޔާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ނޯ ލެންގް ވަނީ ލަނޑެއްޖަހާ ނެދަލެންޑްސްއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ކްރޮއޭޝިޔާ މޮޅުވީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ދެލަނޑު ޖަހައިގެންނެވެ. އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ކްރޮއޭޝިޔާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ބްރޫނޯ ޕެޓްކޯވިޗްއެވެ. އޭގެ ފަހުން މެޗު ނިމެނިކޮށް ކެޕްޓަން ލުކަ މޮޑްރިޗް ވަނީ ޕެނަލްޓީއަކުން ލަނޑު ޖަހާ ފައިނަލުގެ ޖާގަ ކްރޮއޭޝިޔާއަށް ޔަގީންކޮށްދީފައެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ ސްޕެއިން އާއި އިޓަލީއެވެ. ފައިނަލް މެޗު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.