ads
ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ދަނީ - ފައިލްފޮޓޯ:އެމްއޭސީއެލް
މި އަހަރުގެ ފިނި މޫސުމުގައި ވީއައިއޭގެ އާ ކާގޯ ޓާމިނަލުގެ ބޭނުން ކުރަން ފަށަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި މި އަހަރުގެ ފިނި މޫސުމުގައި ބޭނުން ކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވީއައިއޭ ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭގެ މަސައްކަތާއި ފިއުލްފާމުގެ މަސައްކަތުގެ އިތުރުން ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަ ކާގޯ ސާވިސަސް ސުލްތާން ރަޝީދު ވިދާޅުވެފައިވަނީ ކާގޯ ޓާމިނަލުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ޓާމިނަލުގެ ޕަވާ ޓެސްޓްކުރުމުގެ މަސައްކަތްތަކާއި އިކުއިޕްމަންޓުތައް ޓެސްޓުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ސުލްތާން ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވެފައިވަނީ ކުރީގެ ޓާމިނަލާ އަޅާބަލާއިރު އަލަށް ތަރައްގީ ކުރާ ކާގޯ ޓާމިނަލުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. ފިނި މޫސުމުގައި ޓާމިނަލް ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ފިނި މޫސުމުގައި މުދާ ގެނެސް ބާލާފައި ބަހައްޓާނެ ތަން ނުހުންނާތީ ކަސްޓަމަރުންނަށް މުދާ ދޫކުރުމަށް ވަގުތު ނަގާ ކަމަށެވެ. އެހެންނަމަވެސް އާ ޓާމިނަލާ އެކު އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަގުފަހިވާނެ ކަމަށް ސުލްތާން ވިދާޅުވިއެވެ.

ވީއައިއޭގެ ހުޅަނގު ފަރާތުގައި ތަރައްގީކުރާ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގައި:

  • ޒަމާނީ ވަސީލަތްތަކާ އެކު ކާގޯ ލޯޑްކޮށް އަންލޯޑްކުރުމަށް ބޭނުން ކުރާނެ ވަސީލަތްތައް ގާއިމުކުރާނެ
  • އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ
  • މިއީ މިހާރު ބޭނުން ކުރާ ކާގޯ ޓާމިނަލް ކެޕޭސިޓީގެ ނިސްބަތުން 50 އިންސައްތައަށް ވުރެ އިތުރު އަދަދެއް

މި ޓާމިނަލާ ޖެހިގެން ތަރައްގީކުރަން ފެށި ކާގޯ ހާބަރުގެ މަސައްކަތް ނިމިފައިވާއިރު ޓާމިނަލާ އިންވެގެން އޮތް މަގު ހެދުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ވީއައިއޭ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕަސިންޖަ ޓާމިނަލުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް