ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ބައެއް ބާތިލުކުރުމަށް ފަހު، އާ "ކޯޑް އޮފް ކޮންޑަކްޓް" އާންމުކުރީ މިދިޔަ ހަފްތާގައެވެ.
އާ ކޯޑް އޮފް ކޮންޑަކްޓާއެކު ސިޔާސީ ބައެއް ކަންކަމުގައި އުޅުމުގެ ހުއްދަ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިބިގެންދާއިރު، ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން އޮންނަނީ މަނާކޮށްފައެވެ.
އެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް މަނަލެވެ.
މިވީހާތަނަށް ގަވައިދުގެ ދަށުން ސިޔާސީ ހަރަކާތްތައް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާވެފައި އޮތްނަމަވެސް ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ބައެއް ކަންކަން މުވައްޒަފުންނަށް ހުއްދަކޮށްފައެވެ.
އާ ކޯޑް އޮފް ކޮންޑަކްޓްގައި "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މި ނަމުގައި މާއްދާއެއްވެއެވެ. އޭގައިވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ.