ads
ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ——ފޮޓޯ: ސީއެންއެމް
ޕީޖީގެ އޮފީހުގެ ރަސްމީ ދުވަސްތައް ހަތަރު ދުވަހަށް މަދުކޮށްފި
ރަސްމީ މަސައްކަތް ކުރުމަށް ހަފްތާއަކު ހަތަރު ދުވަސް ހަމަޖައްސައި ޕީޖީ އޮފީހުގެ ގަވާއިދު ބަދަލުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިގޮތަށް ކަނޑައަޅުއްވައި މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހަފްތާއިން ފެށިގެން އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ހަފްތާއަކު ހަތަރު ދުވަހު ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތްކުރާ ގޮތަށެވެ. 

ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުމުގެ ނަތީޖާ ތަޖުރިބާ ކުރުމުގެ މުއްދަތުގައި ހުރިހާ މުވައްޒަފުންގެ ވެސް ޕާފޯމަންސް ބަލަމުން ގެންދާނެއެވެ.

 މަސައްކަތު ހަތަރު ދުވަހުގެ ގޮތުގައި ދާއިމީކޮށް ހަމަޖައްސާނީ ނަތީޖާ ރަނގަޅު ނަމައެވެ. އެހެން ނޫން ނަމަ ހަމަ އާންމު އުސޫލުން ހަފްތާއަކު ފަސް ދުވަހު ވެސް އޮފީހަށް ނުކުމެ މަސައްކަތްކުރަން ފަށާނެއެވެ.

މީގެ ކުރިންވެސް ޕީޖީ އޮފީހުންވަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރެވޭ ގޮތަށް ތަޖުރިބާ ކޮށްފައެވެ. އެ އޮފީހުން ބުނީ އެއީ މިގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާގެ ފުރަތަމަ މަރުހަލާ ކަމަށާއި އެ ތަޖުރިބާގެ ނަތީޖާ ރަނގަޅު ކަމަށެވެ. 

މިއުސޫލުގައި ވާގޮތުން ހަފްތާގެ ފަސް ދުވަހުގެ ތެރެއިން އެއް ދުވަހު މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާނެއެވެ. 

މިގޮތަށް އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލާނެ ކަމަށް ޕީޖީ އޮފީހުގެ އުސޫލުގައި ވެއެވެ. 

މީގެ އިތުރުން ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައި ވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާން ޖެހުން ފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭ ފަދަ މަސައްކަތެއް އޮތް ނަމަ އޮފީހަށް ނުކުމެ މަސައްކަތް ކުރާނެކަމަށެވެ. އެހެން ދިމާވާ ދުވަހަކު އޮފީހަށް ނުކުމެ އެ ކުރަން ޖެހުނު މަސައްކަތެއް ކުރުމުން މަސައްކަތް ފުރިހަމަވީ ކަމުގައި ބަލާނެ އަދި ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި ވެސް ބަލާނެއެވެ. 

މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނެގިޔަސް ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭގޮތަށް ގަވާއިދު ވަނީ ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް