ads
ސްޕެއިނުން ނޭޝަންސް ލީގުގެ ތަށި އުފުލާލުން
ނޭޝަންސް ލީގުގެ ތަށި ސްޕެއިންއަށް
ޔުއެފާ ނޭޝަންސް ލީގުގެ ތަށި ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ.

ސްޕެއިނުން މުބާރާތުގެތަށި އުފުލާލީ ރޭ ކުޅުނު ފައިނަލް މެޗުގައި ކްރޮއޭޝިޔާ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެންކަމުން މެޗުން މޮޅުވި ޓީމު ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިޔާގެ މައްޗަށް ސްޕެއިން ކުރިހޯދީ 5-4 ންނެވެ. 

މި ބައްޔާއެކު ކްރޮއޭޝިޔާއަށް ވަނީ އެޓީމުގެ ފުރަތަމަ އިންޓަނޭޝަނަލް ޓްރޮފީ ހާސިލްކުރަން ލިބުނު ފުރުސަތު އަނެއްކާވެސް ގެއްލިފައެވެ. މީގެ ކުރިން 2018 ވަނަ އަހަރު އެޓީމު ވަނީ ވޯލްޑް ކަޕްގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް އެފަހަރުވެސް މުބާރާތް ކާމިޔާބު ކުރެވޭ ގޮތް ނުވެ، ފްރާންސް އަތުން ބަލިވީއެވެ. 

އަނެއްކޮޅުން ސްޕެއިނުން ވަނީ ޔުއެފާ ޔޫރޯ، ނޭޝަންސް ލީގު އަދި ވޯލްޑް ކަޕް ކާމިޔާބު ކުރި ދެވަނަ ޓީމުގެ ޝަރަފު ހޯދާފައެވެ. ސްޕެއިން ފިޔަވާ މި ތިން މުބާރާތް ކާމިޔާބު ކުރެވިފައިވަނީ ފްރާންސަށް އެކަންޏެވެ. ނަމަވެސް މިފަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވުމުން އެޓީމަށް ވަނީ ފައިނަލުގެ ޖާގަ ގެއްލިފައެވެ. 

ސްޕެއިންއަށް އިންޓަނޭޝަނަލް ޓްރޮފީއެއް މި ކާމިޔާބުކުރެވުނީ 11 އަހަރަށް ފަހުއެވެ. އެންމެ ފަހުން އެޓީމަށް ތައްޓެއް ލިބުނީ 2012 ވަނަ އަހަރުއެވެ. އެފަހަރުގެ ޔޫރޯ ކާމިޔާބުކުރީ ސްޕެއިނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް