އިމިގްރޭޝަނުން މިހެން ހާމަކުރީ ގަވާއިދާއި އުޅުނު 44 ބިދޭސީއަކު ހިފަހައްޓައި އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރި ޓްވީޓެއްގައެވެ.
އިމިގްރޭޝަނުންކޮށްފައިވާ ޓުވީޓެއްގައިވަނީ ރާއްޖޭގައި ޤަވާއިދާއި ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދާ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވުމުގެއް މަސައްކަތް ކޮންމެދުވަހަކުވެސް ކުރަމުން އަންނަކަމަށެވެ.
އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓްގައި ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރުމަކީ މަނާކަމެއްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ ވޯކް ޕާމިޓެއް ނެތި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދާ އެމީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން ހުރިހާ ބިދޭސީންވެސް ވޯކް ޕާމިޓް ހިފައިގެން އުޅުމަށް އިމިގްރޭޝަނުންވަނީ އިލްތިމާސްކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް 2019 ވަނަ އަހަރު ފެށި މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް މަޖުބޫރު ވެގެންދިޔައީ ކޯވިޑް-19އާއެކުގައެވެ. އެފަހަރުގެ ޕްރޮގްރާމްގެ ތެރެއިން 13000 މީހުން ގަވާއިދުގެ ތެރެއަށް ފައްތާ އަލުން ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 24000 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ.