ads
ދޮންފަނުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް: އިމާރާތުގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ވަނީ ފަށާފައި - ފޮޓޯ:ފެނަކަ
ދޮންފަނަށް 20 އަހަރުފަހުން އާ އިންޖީނުގެއަކާއި އޮފީސް އިމާރާތެއް
ބ. ދޮންފަނުގައި 20 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ނިއްވާލައި، ރަށުގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފަށައިފިއެވެ.

ދޮންފަނުގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 150 ކިލޯވޮޓުން 600 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ. އެ ރަށުގެ އާ އިންޖީނުގެ އާއެކު ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމުގެ ގޮތުން ކުރިން އަޅާފައިވާ ކޭބަލް ނެޓްވޯކުވެސް ވަނީ އާކޮށްފައެވެ. އޭގެ އިތުރުން ސޯލާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެ ރަށުގައި ދަނީ ކުރަމުންނެވެ.

ދޮންފަނުގައި ކުރިން ހުރި އިންޖީނުގެ ހުރީ ރަށުގެ މެދުތެރޭގައި ކަމަށްވުމުން ރަށުގެ ރައްޔިތުން އައީ އެތައް ތަކުލީފަކާ ކުރިމަތިލަމުންނެވެ. އިންޖީނުގޭގެ އަޑުގަދަވުމުގެ އިތުރުން އެތަނުން އަރާ ދުމުގެ ސަބަބުން ގޭގޭގެ ފުރާޅުތައް ހަޑިވެ، ރައްކާތެރި ގޮތުގައި ބޯފެން ނެގުމުގައި ރައްޔިތުން ދިޔައީ ދަތިތަކާ ކުރިމަތިލަމުންނެވެ.

ސަރުކާރުން ދަނީ ރަށްރަށުގެ މީހުން ދިރިއުޅެމުންގެންދާ ސަރަހައްދުތަކުގައި ހުންނަ އިންޖީނުގެތައް އެކަހެރި ސަރަހައްދުތަަކަށް ބަދަލު ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން މިހާތަނަށް 70 އަށް ވުރެ ގިނަ އިންޖީނުގެ އާއި އޮފީސް އިމާރާތް ވަނީ ގާއިމުކޮށްފައެވެ.

ފެނަކައިން މީގެކުރިން ބުނެފައިވާ ގޮތުގައި ރަށްރަށުގައި އަލަށް އިމާރާތް ކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަންތަން ގާއިމުކުރުމުގެ އިތުރުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ޗިމްނީތަކެއް ހަދަމުންދާ ކަމުގައެވެ.

އާ އިންޖީނުގެތަކާ އެކު ރަށްރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ މޯލްޑިވްސް އެނަޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބަލްއަށް ވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް