ޕާކިސްތާނު ޓީމަށް އިންޑިޔާ ވިސާ ހަމަ މި ޖެހުނީ ވިސާ ކަންތަކުގައި އެތައް ދަތިތަކެއް އެ ޓީމުން ތަހައްމަލު ކުރި ފަހުންނެވެ. އަދި ވިސާ ކަންތައް ޕާކިސްތާނު ޓީމަށް މި ހަމަ ޖެހުނީ އެ ޓީމުން މުބާރާތުގައި ކުޅެން ޖެހޭ ފުރަތަމަ މެޗަށް 48 އަށް ގަޑިއިރަށްވުރެ ވަގުތު ކުޑަތަންވީފަހުންނެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި އެ ޓީމުން ބުދަ ދުވަހުގެ ރޭ ކުޅޭނީ އިންޑިޔާއާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނު ޓީމު މޮރިޝަސް އިން އިންޑީޔާއަށް ދަތުރުކުރާނީ އަންގާރަ ދުވަހުއެވެ. މުމްބާއީ މަގުން އަންގާރަ ދުވަހުގެ ވަގުތެއްގައި ބެންގަލޫރަށް އެ ޓީމު ދާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޕާކިސްތާނު ޓީމުން އުއްމީދުކޮށްގެން ތިބީ އާދިއްތަ ހެނދުނު އިންޑިޔާއަށް ދާށެވެ. އެ ގޮތަށް ދަތުރު ރާވާފައި އޮތްނަމަވެސް، ޕާކިސްތާނު ޓީމުގެ މެންބަރުންގެ ވިސާގެ ކަންތައް ހަމަ ޖެހުން އިންތިހާއަށް ލަސްވީއެވެ.
އިންޑިޔާއާ ޕާކިސްތާނުގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ އޮންނަ ވާދަވެރިކަމާ ދެކޮޅުވެރިކަމުގެ ތެރެއަށް ކުޅިވަރުގައި މި ގައުމު ބައްދަލު ކުރާ ހުރިހާ ފަހަރެއްގައިވެސް އަދި ހުރިހާ ކުޅިވަރެއްގައިވެސް އެ ވާދަވެރިކަން ފެނެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި އިންޑީޔާ އަދި ޕާކިސްތާނު އެއް ގްރޫޕެއްގައި ލައްވާލުމަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. ދެ ގައުމުގެ ގުޅުންތައް ހުރި ގޮތުން ޕާކިސްތާނު ޓީމަށް އިންޑިޔާއަށް ދަތުރު ކުރެވިދާނެތޯވެސް އެއީ ކުރިންވެސް އުފެދުނު ސުވާލެކެވެ. އެހެންނަމަވެސް ޕާކިސްތާނަށް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށާއި އެންމެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރާނެ ކަމަށް މުބާރާތް ހޯސްޓްކުރާ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްވަނީ ވިދާޅުވެފައެވެ.
ސާފް ޗެމްޕިއަންޝީޕުގައި ޕާކިސްތާނު ހިމެނޭ ގްރޫޕުގައި އިންޑިޔާއާއެކު ދެން ހިމެނެނީ ކުވައިތު އަދި ނޭޕާލެވެ.