ads
ރައީސް ސީލިހް އަދި ރައީސް ނަޝީދު
ޑިމޮކްރެޓިކް ގައުމެއްގައި މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ: ސަރުކާރު
ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގާ ގައުމެއްގައި ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، މަޖިލިސް ހުއްޓި ޑެޑްލޮކަށް ގޮސްފައިވާއިރު މިއަދުގެ ޖަލްސާ އެޖެންޑާވެސް ނުކުރެއެވެ. 

މަޖިލީހުގެ ރިޔާސަތުގައި އެންމެ ފަހު ތިން ޖަލްސާގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިއްޔެވަނީ ރައީސް އޮފީހަށް ވަޑައިގެން މަޖިލިސް ހުއްޓިފައިވާ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުން ހިނގާ ގައުމެއްގައި ގާނޫނުހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެކަމަށެވެ. އަދި އިއްޔެ ރައީސް އަފީފްއާއި އެކު ބޭއްވި ބައްދަލުވުމުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ރައީސް ސޯލިހް ދެންނެވިކަމަށް މިއުވާން ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް އުސޫލުން ހިނގާ ގައުމެއްގައި ގާނޫނުހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ، ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށްވާއިރު ގާނޫނުހަދާ މަޖިލީހަކީ ދައުލަތުގެ އެއްބާރު، އެހެންކަމުން މަޖިލިސް ކުރިއަށް ގެންދެވޭނެގޮތެއް ރައީސް ކަށަވަރު ކުރައްވާނެ" - މިއުވާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ރިޔާސަތުގައި އިންނަންވާނެ ބޭފުޅެއްގެ މައްސަލަ ހައްލުވުމުންކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން ބާއްވާ ދުވަހެއް ނަމަވެސް މިއަދުގެ ޖަލްސާ އެޖެންޑާވެސް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ، ދެ ބޭފުޅުންނަށްވެސް ނޯޓިސް ދީފައިވާތީ މަޖިލީހުގެ ރައީސްއަށް އަދި ނައިބު ރައީސްއަށްވެސް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.

މިހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ބާރު ލިބިގެން ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު މަޖިލިސް ރައީސްއަށް ކަނޑައެޅެއެވެ. ނަމަވެސް އެ މެމްބަރަކަށް ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތުކަމަށް ގަވާއިދުގައި ބުނެއެވެ.

މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފް އިއްޔެގެ ޖަލްސާއާއި އެކު ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވާތީ، ދެން އިތުރު ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ގަވާއިދު ތަނެއް ނުދެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ މައްސަލަ ހައްލު ވުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް