ads
ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައިއޯޓީ ސެންސަ ނެޓްވޯކެއް އާބަންކޯއިން ހުޅުމާލޭގައި ގާއިމުކުރުން - ފޮޓޯ:އާބަންކޯ
ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައިއޯޓީ ސެންސަ ނެޓްވޯކެއް
ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައިއޯޓީ ސެންސަ ނެޓްވޯކެއް އާބަންކޯއިން ހުޅުމާލޭގައި ގާއިމުކޮށްފިއެވެ.
Advertisement

އާބަންކޯއިން ބުނީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް ކަމަށެވެ.

ސްމާޓް ސިޓީއެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަސާސީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މުޅި ހުޅުމާލެ ކަވަރުކުރާގޮތަށް ގާއިމު ކުރެވިފައިވާ ވަޔަލެސް އައިއޯޓީ ސެންސަ ނެޓްވޯކަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އައިއޯޓީ ސެންސަ ނެޓްވޯކެއް މުހިންމުވަނީ ކީއްވެ؟

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާ ބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަވަހަށް އެކަމަކަށް އިޖާބަދިނުން ކަމަށެވެ.

އެކަމުގައި އާންމު ފަރާތްތަކުން ރިޕޯޓުކުރަންވާއިރަށް އަލިފާނުގެ ހާދިސާއެއް އެސްކަލޭޓުވެގެން ދާން އެ ލިބޭ ވަގުތު އެއީ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އަލިފާނުގެ ހާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމް ސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުން ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށް ކަމަށެވެ.

ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސައެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭގޮތުން ކުރެވޭ ސުވާލަށް ޖަވާބު ހޯދައިދެނީ އެކަމަށް ހާއްސަކޮށް ގާއިމުކުރެވޭ ނެޓްވޯކަކުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މިހާރު ހުޅުމާލޭގައި ސްމާޓްކޮމްއިން ގާއިމުކޮށްފައިވާ ވަޔަލެސް ސެންސަ ނެޓްވޯކަކީ މިފަދަ ސެންސަތަކަށް ހާއްސަ ނެޓްވޯކެއް ކަމަށެވެ. އަލިފާނުގެ ހާދިސާތައް ދެނެގަތުމުގައި ކަމާ ބެހޭ ފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.  

އާބަންކޯއިން ބުނި ގޮތުގައި އައިއޯޓީ ސެންސަ ނެޓްވޯކެއް ގާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް މިފަދަ ނެޓްވޯކެއް ގާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެންދާ ކަމުގައެވެ. ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މި ނެޓްވޯކް ބޭނުން ކުރެވިދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެ ކަމަށެވެ.

ގަސް ހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެ ކަމަށާއި އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ ސްމާޓް ސޭފްޓީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަސީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވިދާނެ ކަމަށެވެ. ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަން ޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާ އެކު މިފަދަ ނެޓްވޯކަކާ ގުޅާލެވިދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. 

މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް

އާބަންކޯއިން ބުނި ގޮތުގައި ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އާންމު ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ ކަމުގައެވެ. ހާއްސަކޮށް މޫދު ކައިރި އާއި އަތިރިމަތީގައި ކޮތަޅާއި ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތިކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަ ކުރާ ގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި އަދި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެ ޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްމާޓްކޮމްއިން ވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ ޑަސްބިންތައް "ސްމާޓް" ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމާ ގުޅޭ މުވައްޒަފުންނަށް ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސް ހިސާބު ބަލާލެވޭ ކަމަށެވެ. އެންމެ ގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާ އެކު ދެނެގަނެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެއް ކަމަށެވެ.  

އާބަންކޯއިން ބުނި ގޮތުގައި ލޯރާވޭން ސްމާޓްސިޓީތަކަށް އެންމެ އެކަށޭނަ ވަޔަލެސް ނެޓްވޯކް ސްމާޓްކޮމްއިން ގާއިމުކޮށްފައި މިވަނީ ލޯރާވޭން އައިއޯޓީ ސެންސަ ނެޓްވޯކެއް ކަމުގައެވެ. މިއީ މިއަދު ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުކުރަމުންދާ އެންމެ ފުރިހަމަ އައިއޯޓީ ނެޓްވޯކުގެ ބާވަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މި ނެޓްވޯކުގެ ހާއްސަކަމަކީ ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުން ކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ އުމުރު ދިގުވުން ކަމަށެވެ. އާންމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ އުމުރަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދު ކަމަށާއި މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެއް ކަމަށް އާބަންކޯއިން ބުނެއެވެ. 

ކުރިމަގަށް ކުރާ އުންމީދު

އާބަންކޯއިން ބުނެފައިވަނީ ސްމާޓްކޮމްގެ އުންމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ހިދުމަތްތައް ތައާރަފުކުރުން ކަމަށެވެ. ރައްޔިތުންނާ އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނުގެ އިންފްރާސްޓަރަކްޗަ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރެވިދާނެ ކަމެއް ކަމަށް އާބަންކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް