އިދިކޮޅު ކޯލިޝަނުން ރައީސް ސޯލިހާއި ބައްދަލު ކުރަން ރައީސް އޮފީހަށް ގޮސްފައި މިވަނީ ރައީސް ސޯލިހާއި ބައްދަލު ކުރަން އެދި މީގެ ދެ ދުވަސް ކުރިން ރައީސް އޮފީހުގައި ތިބެ އަތުން ލިޔުނު ސިޓީއަށް ޖަވާބެއް ނުލިބުމުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރަން އެ ކޯލިޝަނުން އަންނަތާ ހަތަރު ދުވަސް ވެއްޖެކަމަށެވެ.
އެގޮތުން އެ ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރަން އެދޭ ކަމަށް އެ ކޯލިޝަަނުން ދެކޭ ހަތަރު ސަބަބެއް ހާމަކޮށްފައެވެ.
1. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމިން ޖަލަށްލާފައި އޮތުން
2. ދިވެހި މަސްކަނޑުތަކާ ދިވެހިންގެ މިނިވަންކަން ވިއްކާލުން
3. ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތުން
4. ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ފިއްލަވައިގެން އުޅުން
އިދިކޮޅުން ކޯލިޝަންގެ މަޖިލިސް މެންބަރެއްކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސީއެންއެމްއަށް ވިދާޅުވީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން ރައީސްއާއި ބައްދަލުވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން މިއަދު އަނެއްކާވެސް ރައީސް އޮފީހަށް ވަޑައިގެންނެވީކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ހިނގަމުންދާ ޝަރީއަތްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް ސޯލިހާއި ބައްދަލު ކުރުމަށް އިދިކޮޅުން މަސައްކަތްކުރަމުން އަންނަ އިރު އެ ކޯލިޝަނުން ވަނީ މިދިޔަ ހަފްތާގައި ހިއުމަންރައިޓްސް ކޮމިޝަނާވެސް މި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.