މޯލްޑިވްސް މީޑިޔާ ކައުންސިލުން އިއްޔެ ބުނީ ދެންމެ ނަމަކަށް ކިޔާ ވެބްސައިޓެއްގައި ސާއިއު ކުރަމުންދާ ހަބަރުތަކާއި ރިޕޯޓްތަކުގެ މައްސަލަ ކައުންސިލްގެ މައްސަލަ ބަލާ ކޮމެޓީން ބަލަމުންދާ ކަމަށެވެ.
ދެންމެ ނޫހަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަބަރުތަކާއި ރިޕޯޓްތައް ސާއިއު ކުރަމުން އަންނަ ނޫހެކެވެ. ހާއްސަކޮށް މިނިސްޓަރު ފައްޔާޒަށާއި ރައީސް ސޯލިހަށް އެ ނޫހުގައި ވަރަށް ބޮޑަށް ފާޑުކިޔައި ތަފާތު މަލާމާތްކޮށް ފުރައްސާރަކޮށްފައި ހުންނަ ލިޔުންތައް ސާއިއުކޮށްފައި ހުރެ އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލް ކުރީގެ މެމްބަރު އަދި ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ މޭސްތިރިކަމުގެ ދަށުގައި ހިންގާ ކަމަށް ސޯސިއަލް މީޑިއާއިން ތުހުމަތު ކުރާ "ދެންމެ" އޮންލައިން ނޫހަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ނޫނެވެ.
ރައީސް ސޯލިހް ވިދާޅުވީ ވެބްސައިޓްތަކާއި ނޫސްތަކަކީ ކޮންމެހެން ރަޖިސްޓްރީކޮށްގެން ހިންގަން ޖެހޭ ތަކެތީގެ ގޮތުގައި އޮތުން އެއީ އެމަނިކުފާނު ފެނިވަޑައިގަންނަވާ ގޮތުގައި ރަގަޅު ކަމެއް ނޫނެވެ.