މިއުވާން މިހެން ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދިނުމާއި ފްލެޓް ދިނުމުގެ ކަންކަމުގައި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވެރިންގެ ނުފޫޒު ގަދަކަމަށް ބުނާ މައްސަލައަށް މިއަދު ދެއްވި ޖަވާބުގައެވެ.
މަޖިލިސް މެމްބަރުން ބޭނުންވާ ދިހަ ފަރާތަކަށް ފްލެޓް އަދި ގޯތި ދިނުމަށް ރާވަމުން ގެންދާކަމަށާއި ލިސްޓްތައް އެކުލަވާލާފައިވަނީ އެގޮތަށް ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައިވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ތަރުޖަމާނު މިހެން ވިދާޅުވިއިރު ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުން ވަގުތީ ލިސްޓް އަންނަ ހަފްތާގައި އިއުލާން ކުރާނެކަން ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.