މިއުވާން މިހެން ވިދާޅުވީ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ދައުލަތުގެ މުއައްސަސާ ތަކާއި، މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތްތަތަކުން ހުރަސްއަޅާ ފުރައްސާރަ ކުރަމުންދާ ކަމަށާއި، އެ ގޮތަށް އަމަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އޮފީސްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރަންޖެހޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
އެފަދަ ކަންތައް ތަކުރާރުވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލު ކުރަން ޖެހޭގޮތަށް ސިޔާސީ ހަރަކާތްތަކުގައި އަމަލު ކުރުމަށާއި، އަދި ހަރަކާތްތަކުގައި މަސައްކަތްވެސް ކުރަން ޖެހޭ ގޮތަށް ޒިންމާދާރުކަމާއި އެކު ހަރަކާތް ހިންގުމުގައި އަމަލްތައް ބަހައްޓަން ޖެހޭކަމަށެވެ.
ސަރުކާރުގެ އިދާރާ ތަކާއި މުއައްޒަފުންނަށް އިދިކޮޅުން ފުރާސަރަ ކުރާކަން ފާހަގަވާ ކަމަށް މިއުވާން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބުމުން އިދިކޮޅު ކޯލިޝަންގެ މެންބަރުންވަނީ 20 ޖޫންގަ ރައީސް އޮފީހަށް ގޮސްފައެވެ.
އިދިކޮޅު ކޯލިޝަނުން ރައީސް ސޯލިހާއި ބައްދަލު ކުރަން ރައީސް އޮފީހަށް ގޮސްފައި މިވަނީ ރައީސް ސޯލިހާއި ބައްދަލު ކުރަން އެދި މީގެ ދެ ދުވަސް ކުރިން ރައީސް އޮފީހުގައި ތިބެ އަތުން ލިޔުނު ސިޓީއަށް ޖަވާބެއް ނުލިބުމުން ކަމަށްވެސް އެކޯލިޝަނުން ބުނެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވަނީ އިންތިގާލީ ކޮމިޓީގެ މެންބަރުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށްބުނެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް( ވެމްކޯ) އަށްވެސް ޒިޔާރަތް ކޮށްފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިއުމުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށްވެސް ވަނީ ޒިޔާރަތް ކޮށްފައެވެ.
އަދި އެ ކޯލިޝަންގެ އިންތިގާލީ ކޮމިޓީގެ މެންބަރުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މައުލޫމާތު ހޯދުމަށް އޮފީސްތަކަށް ގޮސްފައިވާއިރު، ހަޔަ އެޑިޔުކޭޝަން މިނިސްޓްރީއަށްވެސް ވަނީ ޒިޔާރަތް ކުރައްވާފައިއެވެ.