ads
ފޮޓޯ: އެޗްއާރްސީއެމް
މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، ފުރިހަމައަށް ނުދާތީ ކަންބޮޑުވޭ: އެޗްއާރްސީއެމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް ނެތި ދައުލަތުގެ އެއްބާރު ހުއްޓިފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

 އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން، ޑިމޮކްރަޓިކް ނިޒާމެއްގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ އެއް ބާރު އަނެެއް ބާރު ވަކިވެފައި އޮންނަ ގޮތުގެ މަތިން ހުރިހާ ބާރުތަކެއް ފުރިހަމައަށް ހިނގަމުންދިއުމާ އެކު އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ހަރަކާތްތެރިވުން މުހިންމު ކަމަށެވެ.

މުހިންމު މަސައްކަތްތައް ހުއްޓައި މަޖިލިސް ޗުއްޓީއަށް ދިއުމާ އެކު މަޖިލީހަކީ ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ބާރު މަތިކޮށްފައިވާ ފަރާތަށްވުމާއި ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އެތަނުން ކުރާއިރު މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، މަޖިލިސް އެންމެ ފުރިހަމައަށް ހިނގަމުން ނުދާތީ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.  

އެ ބަޔާނުގައި ވަނީ އިންތިހާބު ގާތްވެފައިވާ މިދަނޑިވަޅުގައި އިންތިހާބާ ގުޅުންހުރި މަސައްކަތްތަކުގެ އިތުރުން އަންނަ ޖުލައި މަހު ދައުރު ހަމަވުމަށް ގާތްވެފައިވާ އީސީގެ މެމްބަރެއްގެ މަގާމަށް އާ މެމްބަރަކު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް، އެކަންކަން ނުކޮށް މަޖިލިސް ރިސެސްއަށް ދިއުމުން އިންތިހާބާ ގުޅުންހުރި ގާނޫނީ ނިޒާމު ހަރުދަނާކުރުމަށާއި އީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް އައުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ ކަމަށެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް