މިވާހަކަތަކާއެކު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ 2018 ފެބްރުއަރީ 1 ގެ އަމުރު ތަންފީޒު ނުކޮށް އިންތިހާބެއް ބޭއްވުމަކީ ލާހިކު ކަމެއް ނޫން ކަމަށެވެ.
ފެބްރުއަރީ 1 ގެ އަމުރަކީ 2018 ވަނައަހަރުގެ ފެބްރިއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. އޭރު ޖަލުގައި ތިބި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރެކެވެ.
ރާއްޖެ އޭރު އޮތް ހާލަތަށް ބަލައި، އިދިކޮޅުން އަޑު ގަދަކޮށް ދެއްކި ވާހަކަ އަކީ ސިޔާސީ ގިނަ ބަޔަކު ޖަލަށް ލައި، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ބާރުކަނޑުވާލާފައިވާ ވާހަކައެވެ. ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭ ތިބި ވާހަކައެވެ.
ގިނަ ފަހަރަށް ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ވާހަކަ އަންނަނީ ސިޔާސީ މަންފާ ލިބޭނެ ދަނޑިވަޅުގައެވެ. ފަރުދީ ލެވެލްގައި ނަމަ ތިމާއާ ޖެހުނީމައެވެ.
މިއީ އޭގެ ފަސްއަހަރު ފަހެވެ. މިއަދުގެ ހާލަތު ވަޒަން ކޮށްލެވޭނެއެވެ.
އިލެކްޝަންސ ކޮމިޝަން
އިލެކްޝަންސް ކޮމިޝަނަށް ވަނީ މެންބަރަކު އަންޔަން ކުރަން ޖެހިފައެވެ. ސަރުކާރުގެ ނުފޫޒު އެކޮމިޝަނަށް ވަދެފައިވާ ކަމަށް އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން އެންމެ ބޮޑަށް އިދިކޮޅު ފަރާތްތަކުން ގުޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކެއް އިސްވެ އުފައްދަން މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ފެށި ހިސާބުންނެވެ.
އެކޮމިޝަނުގެ ދެ މެންބަރަކު މިހާރު ވިދާޅުވަނީ އެކޮމިޝަނުގެ ޖަލްސާ ތަކުގައި ބައިވެރި ނުވާނެ ވާހަކައެވެ. ކޮމިޝަނުގެ ރައީސްގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެއެވެ. ކޮމިޝަނުގެ ރައީސް ވިދާޅުވަނީ ކަންކަން އަވަހަށް ކުރިއަށް ގަންދަން ބޭނުންވާ ކަމަށާއި، ކޮމިޝަނުގެ ކަންކަން ގެންދަނީ ރަނގަޅަށް ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ރައީސް އަބްދުﷲ ޔާމީން އަބަދުވެސް ގެންދެވީ ސުވާލު އުފައްދަވަމުންނެވެ. ފުރަތަމަ ވޯޓުގެ ނަތީޖާ ގަބޫލު ކުރެއްވި ނަމަވެސް ފަހުން ގިނަ ޖަލްސާ ތަކުގައި ގެންދެވީ އީސީއާ މެދު ސުވާލު އުފައްދަވަމުންނެވެ. ނަމަވެސް އެންމެ ފަހުން ރައީސް ޔާމީނާއި ޕީޕީއެމުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ އޭރުގެ ރައީސް އަހުމަދު ޝަރީފާއި ގުޅިގެން އިދިކޮޅު އިންތިހާބު ވަގަށް ނެގޭކަމަށެވެ.
ރައްދުގައި އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް 13 ސެޕްޓެމްބަރު 2019 ގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލުމަށެވެ. މިފަހަރުގެ އިންތިހާބަށްފަހު ބަލިވާ ކޮޅަކުން ބުނާނެ އެއްޗެއް އެނގޭނީ އިންތިހާބު ނިމުނީމައެވެ.
ވެރިކަން ކުރާ ޕާޓީ ދެފަޅިވުން
2016ގެ ފަހުކޮޅެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ތެރޭގައި ކޯޅުންތައް އުފެދި ޕާޓީ ދެ ބަޔަށް ބެހިފައިވާ އިރު، ރައީސް މައުމޫން އެ ޕާޓީގެ ކައުންސިލަށް އުމަރު ނަސީރު އަލަށް އައްޔަން ކުރެއްވިއެވެ.
ކަންވީ ވެސް އެހެންނެވެ. ރައީސް ޔާމީން އެ އިންތިހާބުން ވީ ބައްޔެވެ.
މިއަދުވެސް މިފެންނަނީ ހަމަ އެމަންޒަރެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ބޮޑުވެ، ވެރިކަން ކުރާ އެމްޑީޕީ ވަނީ ބައިވެފައެވެ. ރައީސް ނަޝީދުގެ ގާތް ބޭފުޅުން ކޮޅެއް އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށްވެސް ސަރުކާރުން ހުރަސް އަޅާކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ސަރުކާރަށް ވާގިވެރިވާކަމަށްވެސް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.
އެހެން ސިޔާސީ ސިޔާސީ ޕާޓީތަކުންވެސް އީސީއާމެދު ދެކޭގޮތް ތަފާތެވެ. މިހާރު ކަންކަން ހުރިގޮތުން އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން އީސީއާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.
އެގޮތުން މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ތަރުޖަމާނު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ބައެއް ކަންކަން ހުރިގޮތުން އިތުބާރު ގެއްލެމުންދާ ކަމަށެވެ.
ކަން މިހެން ހުރިއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުތްއިރު އޭރުގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމް ދެފަޅިވި ގޮތަށް މިހާރު މިވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިވާއިރު ވެރިކަންކުރާ އެމްޑީޕީވެސް ދެފަޅިވެފައެވެ. އަނެއްކޮޅުން މީގެ ތެރެއަށް ޗާގޯސްގެ މައްސަލަ ވަދެ ހަތުރުންގެ ގޮތުގައި މިހާތަނަށް ތިބި ސިޔާސީ މީހުންނަށް އެއް މޭޒަކަށް އާދެވި، ވެރިކަން ވައްޓާލުމުގެ މިސްރާބެއްވެސް މިވަނީ ފެށިފައެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅުއްވާ ކާޑުވެސް ދެރައެއް ނޫނެވެ. ކޯލިޝަން ތެރޭގައި އަދާލަތު ޕާޓީ ހިފެހެއްޓުމާއިއެކު، ކުރިން ރައީސް ޔާމީނާއިއެކު އޮތް އެމްޑީއޭ ގެނެސް އެމްޑީޕީގެ ކޯލިޝަންގެ ތެރެއަށް ވައްދާ ސަފުތައް ތަރުތީބުކޮށްލައިފިއެވެ.
ކޯލިޝަން ޕާޓީތަކުގެ ތެރެއިން ޖޭޕީއާއި އެމްއާރުއެމް އެމްޑީޕީ ކޯލިޝަނުގައި ބައިވެރި ނުވި ނަމަވެސް ޖޭޕީގެ ކައުންސިލްގެ ބޮޑުބައެއް އެޕާޓީން ނެއްޓި އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އަނެއްކޮޅުން ސަރުކާރަށް ޖެއްސުން ކުރާކަމަށް ބުނެ އެމްއާރުއެމްގެ އެކްސްކޯގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެމީހުނާ ގުޅުންހުރި އާއްމު ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެޕާޓީ ދޫކޮށްލުމުން އެމްއާރުއެމްވެސް މިހާރު އޮތީ، އުވާލުމުގެ މަރުހަލާގައެވެ.
ކޮންމެއަކަސް ރިޔާސީ އިންތިހާބަށް ކުރިމަތިވާއިރު ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ މެދުގައި އަދި އިލެކްޝަންސް ކޮމިޝަންގެ ޖަލްސާއެއް ނުބޭއްވޭ ހާލަތަށް އެކޮމިޝަން ދިއުމުން މިވަނީ އިންތިހާބުގެ ކުރިން ބޮޑު ނުތަނަވަސްކަމަކަށް ގޮސްފައެވެ.