ads
ދަގަނޑޭ އަދި ޗެތްރީ
ދަގަނޑޭގެ ރެކޯޑް ޗެތްރީ މިރޭ މުގުރާލާނެތަ؟
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއޭ ބުނުމުން އެކަން މިއަދު މާ ބޮޑު ބަހުސަކަށް ނުވެދާނެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިއަކީ ސުނިލް ޗެތްރީއޭ ބުނުމުން އެކަން މިއަދު މާ ބޮޑު ބަހުސަކަށް ނުވިނަމަވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު މި މުބާރާތުގައި ކުޅޭނަމަ، މި ދެންނެވި ސުވާލުގެ ޖަވާބު ތަފާތުވުމުގެ ފުރުސަތު އެބައޮތެވެ. 

ޗެތްރީއަކީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ހޯދި ކެޕްޓަނެެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަން ބޫޓުވެސް މާލޭގައި ހޯދީ ދަގަނޑޭވެސް ކުޅުނު މި މުބާރާތުގައި ޗެތްރީއެވެ. 

އޭގެ ދެ އަހަރު ފަހުން އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދާއިރު މިއަދު ދިވެހި ޓީމުގައި ދަގަނޑޭއެއް ނެތެވެ. އަނިޔާވެ ޓީމުން ފުރުސަތު ގެއްލުނުއިރު ޗެތްރީ އަކީ މިއަދުވެސް އިންޑިޔާ ޓީމު ކެޕްޓަނެވެ. މުބާރާތުގެ ފުރަތަަމަ މެޗުގައި ހެދި ހެޓްރިކާއެކު، އުމުރުން 38 އަހަރަސް އަދިވެސް އޭނާގެ ފެންވަރު ތަފާތުކަން އޭނާ ދައްކައިދިނެވެ. 

ހުނަރަށް ބަލާނަމަ ދަގަނޑޭ ޗެތްރީއަށްވުރެ މާ ބޮޑަށްވެސް މޮޅު. އެކަމަކު ޗެތްރީއަކީ ފޯވާޑެއްގެ ހުންނަން އެ ޖެހޭ ތޫނު ފިލިކަން އާދަޔާ ހިލާފަށް ހުންނަ ކުޅުންތެރިއެއް. އެހެންވެގެން މިއަދުވެސް ޗެތްރީ އެ ފެންވަރުގައި އެ ހުންނަނީ. އެއީ ދެ މީހުންގެ ތަފާތަކީ. - ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފު

ދަގަނޑޭ މި ފަހަރުގެ މުބާރާތުގައި ނެތް ނަމަވެސް މި ވަގުތާ ހަމައަށްވެސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅާ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އަދި އޮތީ ދަގަނޑޭ އަތުގައެވެ. 

ދަގަނޑޭވަނީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި 23 ލަނޑު ޖަހާފައެވެ. މި ގޯލުތަކާ އެކު ދަގަނޑޭ އަތުގައި ސާފްގެ ޓޮޕް ސްކޯރަރ ރެކޯޑް އޮތަސް އެ ރެކޯޑާ ހަމަ ކުރަން ޗެތްރީއަށް ބޭނުންވަނީ އެންމެ ދެ ލަނޑެވެ. މި ފަހަރުގެ މުބާރާތުގައި ޕާކިސްތާނު ކޮޅަށް ހެދި ހެޓްރިކާއެކު ޗެތްރީ ސާފްގައި ޖެހި ލަނޑުގެ އަދަދުވަނީ 21 އަށް އަރާފައެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ގޯލް ރެކޯޑް ޗެތްރީ އަތުގައި އަދި ނެތަސް އެއަށްވުރެ މާ ބޮޑު ރެކޯޑެއް ޗެތްރީ އަތުގައި އެބައޮތެވެ. ޗެތްރީއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން މުޅި ދުނިޔޭން ހަތަރުވަނަ އެވެ. މި ލިސްޓުގައި ޗެތްރީގެ ކުރީގައި ދެން ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ، ލައޮނެލް މެސީ އަދި އިރާނުގެ ކުރީގެ ކުޅުންތެރިޔާ އަލީ ދާއީއެވެ.

ގްރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް މިރޭ އިންޑިޔާ ކުޅޭ މެޗުގައި ދަގަނޑޭގެ މި ރެކޯޑާ ހަމަކުރަން، ނުވަތަ ރެކޯޑް މުގުރާލުމުގެ ފުރުސަތު ޗެތްރީއަށް އެބައޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް