ads
މީގެ ކުރިން ބޭއްވި ފޯ ސީޒަނުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:ފޯ ސީޒަން
ފޯ ސީޒަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 59 ކުއްޖަކު ތަމްރީނުކޮށްފި
ރާއްޖޭގައި ހިންގަމުންދާ ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 59 ކުއްޖަކު ފުރިހަމަކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ އަހަރު ފޯ ސީޒަނުގެ ރިސޯޓުތަކުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އެއް އަހަރު ދުވަހުގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ހައުސްކީޕިން، ގެސްޓް ސާވިސަސް، މެރިން ޓްރާންސްޕޯޓް، ވޯޓަ ސްޕޯޓްސް، ޕަޑި ޑައިވް މާސްޓާ، ރީޓެއިލް، ފޮޓޯގްރަފީ، ފައިނޭންސް، ފްރޮންޓް އޮފީސް އެންޑް ރެކްރިއޭޝަން އަދި އިންޖިނިއަރިން ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައިދޭނެއެވެ.

ފޯ ސީޒަނުން 2001 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 800 އަށް ވުރެ ކުދިން ތަމްރީނުކޮށްފައިވެއެވެ.

ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވެފައިވަނީ ފޯ ސީޒަންގެ ޕްރޮގްރާމުގެ ދަށުން ދާއިރާއަށް އާ ކުދިން ތަމްރީނުވެ، މިހާރަށް ވުރެ އިތުރަށް ފެނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ 70 އިންސައްތަ މުސާރަ ލިބެނީ ދާއިރާގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ އެފަދަ މުސާރަ ބޮޑު ވަޒީފާތަކަށް ދިވެހިން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޯ ސީޒަންސް ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ ކްރޭންޒްލިން ވިދާޅުވި ގޮތުގައި ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ހޮސްޕިޓާލިޓީ ދާއިރާގައި މިހާރު މަސައްކަތް ކުރާ ކާމިޔާބު އެތައް ބައެއް އުފެއްދުނުއިރު، ޓޫރިޒަމްގެ އިތުރު ދާއިރާތަކަށް ކުދިން ތަމްރީނު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަަމަށެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތައް ހިމެނޭ ގޮތަށް ކުދިން ހޮވުމަށް ހާއްސަ އިސްކަމެއްދޭކަން އަރުމަންޑޯ ފާހަގަކުރެއްވިއެވެ. މި އަހަރު އަލަށް މި ޕްރޮގްރާމާ ގުޅުނު 71 ކުދިން ނަގާފައިވަނީ 15 އަތޮޅުގެ 29 ރަށަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް