ads
ވީއައިއޭގައި ފްލައިޓުތަކެއް: އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 704 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:ވީއައިއޭ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 704 މިލިއަން ރުފިޔާ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 704.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް

  • ޑިޕާޗާ ޓެކުހުގެ ގޮތުގައި 348.5 މިލިއަން ރުފިޔާ ލިބިފައިވޭ
  • 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 314 މިލިއަން ރުފިޔާ

އެޕްރީލު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި،

  • 356 މިލިއަން ރުފިޔާ ވަނީ ލިބިފައި
  • 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 319.3 މިލިއަން ރުފިޔާ

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 11.2 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 633.3 މިލިއަން ރުފިޔާ އެވެ.

މި އަހަރު އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން އައި ގޮތަށް ބަދަލު ގެނައުމުގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަަނަ ދުވަހުން ފެށިގެންނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހީންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަމުން އައި ނަމަވެސް ގެނައި ބަދަލާ އެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ނަގަމުން ދަނީ އެ މީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގަ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ނަގަމުންދަނީ:

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ - ދިވެހިންގެ އަތުން 12 ޑޮލަރު
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ - ބިދޭސީންގެ އަތުން 30 ޑޮލަރު
  • ބިޒްނަސް ކްލާހުން ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން ޑިޕާޗާ ޓެކުހެއް ނުނަގާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް