ads
ޑިފެންސް މިނިސްޓަރު ގައްސާން: ވިދާޅުވީ ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮތް ބައެއް ނޫން ކަމަށް
ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ އަސްކަރީ ރޯލެއް އޮތް ބައެއް ނޫން: ގައްސާން
ސެނެހިޔާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނަކީ އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮތް ބައެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލާފައިވާކަން ރަސްމީކޮށް ހާމަކުރުމަށް މިއަދު ރައީސް އޮފީހުގަައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ގައްސާން ވިދާޅުވީ ސެނެހިޔާއަށް އައިސް ތިބި ޑޮކްޓަރުންނަކީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީން އެދިގެން އިންޑިއާ ސަރުކާރުން ފޮނުވާފައި ތިބި ޑޮކްޓަރުން ކަމަށެވެ.

"އެމީހުން ރާއްޖޭގައި މަސައްކަތް ކުރަނީ ވަރަށް ކުރު މުއްދަތަކަށް ރޮޓޭޝަނަލް ބޭސިސްއެއްގައި. އަޅުގަނޑުމެން ދޫކުރާ، ދައުލަތުން ދޫކުރާ ވީޒާއެއްގައި ތިބެގެން. އެމީހުންގެ މަސައްކަތް ހުންނާނީ ސެނެހިޔާގައި ސިއްހީ ގޮތުން އަޅުގަނޑުމެންގެ ސިފައިންނަށާއި އަދި ސެނެހިޔާއިން ހިދުމަތް ހޯދާ ހުރިހާ މީހުންނަށް ޑޮކްޓަރުން ދޭ ހިދުމަތް ދިނުން،" ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވެފައި ވަނީ އެގޮތަށް އަންނަ މީހުންނަކީ ރިކުއަމެންޓް އޮތް ގޮތަކުން އެދިގެން އަންނަ މީހުން ކަމަށެވެ. އެ މީހުންނަކީ އެއްވެސް އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ސެނެހިޔާގައި ތިބޭ ޑޮކްޓަރުންނަކީ. އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާކަހަލަ އެއްވެސް ހާލަތެއް އެމީހުންގެ ކިބައިން ވެސް ފެނިއްޖެ ނަމަ، ދިވެހި ދައުލަތުން އެ ވާހަކަ އިންޑިއާ ސަރުކާރާ ދައްކަވައިގެން އެމީހުން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރެވޭނެ،" ގައްސާން ވިދާޅުވި އެވެ.

ސެނެހިޔާގައި ތިބި ޑޮކްޓަރުންނާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެމީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އެމީހުންގެ ބޭނުންކުރަން ނުޖެހޭ ހާލަތެއް އައިސްފިނަމަ އިންޑިއާ ސަރުކާރުގައި އެދިގެން އެމީހުން އަނބުރާ ފޮނުވާލުން ކަމުގަ އެވެ. އެހެންނަމަވެސް މިވަގުތަށް އެމީހުން ގެންދިއުމުގެ ބޭނުމެއް އޮތް ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ސ. ގަމާއި ހދ. ހަނިމާދޫ އަދި ލ. ކައްދޫގައި ތިބި 76 ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް