ads
އެއާޕޯޓެއްގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަނީ-- ފޮޓޯ: ހަލީޖް ޓައިމްސް
ޝައްކުކުރެވޭ ދެ މީހުން ފެނުނަސް ދަރަވަންދޫ އެއާޕޯޓް ބަންދެއް ނުކުރޭ!
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތް ހުރި ދެ މީހަކު ބ. ދަރަވަންދޫ އެއާޕޯޓުން ފެނުން ނަމަވެސް އެއާޕޯޓު ބަންދު ނުކުރާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން އެކުލަވާލި ކޮވިޑް-19، ޓާސްކް ފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ރޭ ވިދާޅުވީ ބ. ފެހެންދޫ ގެސްޓްހައުސް އަކަށް ދިޔަ ފަތުރުވެރިއެއްގެ ފަރާތުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އޭނާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިގޮތަށް މަބްރޫކް ހާމަކުރައްވާފައިވަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ދަރަވަންދޫ އެއާޕޯޓުން ވެސް ކޮރޯނާއަށް ޝައްކުކުރެވޭ ބަޔަކު ފެނިފައިވާތީ އެއާޕޯޓް ބަންދުކޮށްފައިވާ ކަމުގެ އަޑުތަކެއް އަރާފަ އެވެ. 

އެކަމާއި ގުޅިގެން ދަރަވަންދޫ ކައުންސިލްގެ މެމްބަރު ހުސެއިން ނާޒިމް، ސީއެންއެމްއަށް ވިދާޅުވީ  ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު އެރަށު އެއާޕޯޓުން ފެނުނު ނަމަވެސް އެއާޕޯޓު ބަންދުކޮށްފައިނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރަށު އެއާޕޯޓުގައި އެކަހެރި ކުރެވިފައިވާ މީހާގެ ސާމްޕަލް ނަގައި މީހާރު މާލެ ފޮނުވާފައިވާ ކަމަށާއި ދެ ފަތުރުވެރިނާ ކޮންޓެކްޓްވި މީހުން އެކަހެރިކުރެވިފައިވާ ކަމަށެވެ.

ފެހެންދޫ ގެސްޓް ހައުސްގައި ތިބި ދެމީހުން ވެސް ބައްޔަށް ޝައްކު ކުރެވޭތީ ޓެސްޓު ހެދުމަށް ސާމްޕަލް ވަނީ ނަގާފަ އެވެ. އަދި ސަފާރީ އަކުން ޝައްކުކުރެވޭ ދެ ފަތުރުވެރިއަކު ފެނިގެން އެ މީހުން ސަފާރިގައި އައިސޮލޭޓް ކުރެވިފައިވާކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވި އެވެ.

ކޮރޯނާއާ ގުޅިގެން ފަރުކޮޅުފުށީ އައިސޮލޭޝަނުގައި ނުވަ މީހަކު ތިބިއިރު ވިލިވަރު ކަރަންޓީނުގައި 17 މީހަކު އެބަތިއްބެވެ. 

އޭގެ އިތުރުން މިވަގުތު އަރައި ފޭބުން މަނާކުރެވިފައި ވަނީ ކުރެއްދޫ ރިސޯޓާއި، ބަތަލާ ރިސޯޓު އަދި ކުރަމައްޗާއި އަނަންތަރާ ދިގުގެ އިތުރުން އޯބްލޫ ސެލެނގެލި ރިސޯޓާއި ސަމާ އައިލެންޑާއި ޝެރަތަން ފުލް މޫން ރިސޯޓާއި ބަންޑޮސް އައިލެންޑެވެ. އަދި މީހުން ދިރިއުޅެމުން އަންނަ ފެހެންދޫއަށް ވެސް އަރައި ފޭބުން އޮތީ މަނާކުރެވިފަ އެވެ. 

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ނުވަ މީހުން ވަނީ ފޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 70 އަހަރުގެ އިޓަލީގެ ފަތުރުވެރިޔާގެ ހާލު ދެރަކަމަށް ކަމަށް މަބްރޫކް ވިދާޅުވެ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް