މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އެ އެއާލައިނުން އިއްޔެ ފެށި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮމާންގެ ވެރިރަށް މަސްކަޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ހަފުތާގެ ހަތަރު ދުވަހު ރާއްޖެއަށް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ދަތުރުތައް 2016 ވަނަ އަހަރު ހުއްޓާލުމަށްފަހު، އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށާފައިވަނީ 2018 ވަނަ އަހަރުގައެވެ.
އޮމާން އެއާއިން މިހާރު ރާއްޖެއަށް ކުރަމުން އައީ ޗާޓަރު ދަތުރުތަކެވެ. އެ ދަތުރުތަކަކީ ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަށް ބާއްވާ ދަތުރުތަކެކެވެ.
އޮމާންގެ ގައުމީ އެއާލައިން، އޮމާން އެއާގެ ހިދުމަތް ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. އެ އެއާލައިނުން 36 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އެއާލައިނުގެ ފްލީޓްގައި 41 ބޯޓު އޮވެއެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، ނިމިދިޔަ ހަފުތާގެ ތެރޭގައި މެލޭޝިއާގެ ބަޓިކް އެއާއިންނާއި ސައުދީ އަރަބިއްޔާގެ ފްލައިނަސްއިން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް އޮކްޓޯބަރު މަހު ފަށާނެކަން އެ އެއާލައިނުން ހާމަކޮށްފައިވާއިރު، 35 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތަައް ބާއްވަމުންނެވެ.