ads
ނަޝީދު އަދި ޝިޔާމް
ނަޝީދާއެކު ޕީޕީއެމުން މަސައްކަތް ނުކުރާނެކަމަށް ބުނީ ކާކު ކޮންއިރަކު ކަމެއް ނޭގެ: ޝިޔާމް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ނުކުރާނެކަމަށް ޕީޕީއެމުން ބުނީ ކާކުކަމެއް ވެސް އަދި އެއީ ކޮންއިރަކު ދެއްކި ވާހަކައެއް ކަމެއްވެސް ނޭގޭކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިދައު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދުގެ ސަޕޯޓަރުން އިސްވެ އުފައްދާ 'ދަ ޑިމޮކްރޭޓްސް' ޕާޓީއާއިއެކު ބޭއްވި ދެވަނަ މަޝްވަރާ ބައްދަލުވުންތަކަށްފަހު ޝިޔާމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން ގެންދަނީ "ސިޔާސީ މަސައްކަތްތަކެއް" ކަމަށެވެ. އެހެންކަމުން އެކިފަހަރު އެކިގޮތައް ކަންކަން ބަދަލުވުމަކީ ވުން އެކަށީގެންވާކަމެއްކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް އަދި ޕީއެންސީއެވެ. 

ރައީސް ނަޝީދާއެކު ޕީޕީއެމުން މަަސައްކަތްނުކުރާނެ ކަމަށް ބުނެ މިއަދު 'ދަ ޑިމޮކްރޭޓްސް' އާއެކު މަސައްކަތް ކުރަނީ ކީއްވެތޯ ނޫސްވެރިއަކު މިއަދު ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ "ތި ވިދާޅުވުން ވިދާޅުވެފަ އޮތީ ކޮންއިރަކު ކާކުކަމެއް ވެސް ނޭގޭ،" ކަމަށެވެ. 

"އަޅުގަނޑުމެން މި ކުރަނީ ސިޔާސީ މަސައްކަތް. ކޮންމެ ޕާޓީއަކުން ވެސް އަންނަނީ ހިދުމަތްތަކެއް ކުރަން މެނިފެސްޓޯއަކާއެކުގަ ރައްޔިތުންނަށް ހިދުމަތްކުރަން. އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯއަކީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެކުލަވާލެވުނު ވަރަށް ރަނގަޅު މެނިފެސްޓޯއެއް. އެ މެނިފެސްޓޯއާ އެއްގޮތަށް އަމަލުނުކުރާތީ އެ ބޭފުޅުން އެމްޑީޕީން ނުކުމެ ވަޑައިގަތީ. އަޅުގަނޑުމެންނަކަށް ވެސް ކަމަކު ނުދޭ ސަރުކާރެއް. އެހެންވީމަ ދަ ޑިމޮކްރޭޓްސް ނުވަތަ އަސްލު އެމްޑީޕީ ބޭފުޅުން ވަަޑައިގަތީ އެކަންތައް ކުރިއަށް ނުދާތީ،" ޝިޔާމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރޭޓްސްގެ ފަރާތުން ވާހަކަ ދެއްކެވި އަލީ އާޒިމް މިކަމާ ގުޅޭގޮތުން ވިދާޅުވީ "ދުނިޔެ ބަދަލުވާވަރަކަށް ކަންކަން ވެސް ބަދަލުވާނެ" ކަަމަށެވެ.

އާޒިމްވެސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމަލުކުރާގޮތުން އެންމެ ފުރަތަ ދުވަހުން ފެށިގެންވެސް އެމްޑީޕީ އެތެރޭގައި ހުރެގެނެވެސް ހިތްހަމަނުޖެހުން އޮތްކަަމަށެވެ. އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވެސް އޭނާ މަސައްކަތް ކުރެއްވީ އަބްދުﷲ ޝާހިދާ އެކުކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެއީ ރައީސް ސާލިހާމެދު އޭރުވެސް އިތުބާރު ނެތުމުންކަން އާޒިމް ފާހަގަކުރެއްވިއެވެ. 

އާޒިމް އަދި ޝިޔާމް ވެސް މިއަދުވެސް ވަނީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަނީ މި ސަރުކާރު ބަލިކަށިކޮށް ނިމުމަކަށް ގެނައުމަށްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް