ރިޕޯޓުތައް ބުނާ ގޮތުން އަލް-ހިލާލުން މޮރީނިއޯއަށް ހުށަހެޅީ ސީޒަނަކު 30 މިލިއަން ޕައުންޑް ލިބޭ ގޮތަށް އެކްލަބަށް ބަދަލުވާށެވެ. ނަމަވެސް މޮރީނިއޯ ވަނީ އެހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. މޮރީނިއޯގެ ވިސްނުން މިވަގުތު ހުރީ ޔޫރަޕު ފުޓްބޯޅައަށް ކަމަވެސް ރިޕޯޓުތައް ބުނެއެވެ.
މޮރީނިއޯ މިހާރު އިރުޝާދު ދެމުން އަންނަނީ އޭއެސް ރޯމާއަށެވެ. ނިމުނު ސީޒަންގެ ޔޫރޮޕާ ލީގު ފައިނަލުން ބަލިވި މެޗަށްފަހު ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ އެއްވެސް ޓީމަކުން ހުށަހެޅުމެއް ލިބިއްޖެނަމަ ރޯމާގެ މެނޭޖުމެންޓަށް އެކަން އަންގާނެކަމަށެވެ.
އަދި މިދިޔަ ޑިސެމްބަރު މަހު ޕޯޗުގަލްގެ ކްލަބަކުން ހުށަހެޅުމެއް ލިބުމުންވެސް އެކަން އެންމެ ފުރަތަމަ ހިއްސާކުރީ ޓީމުގެ މެނޭޖުމެންޓާކަން މޮރީނިއޯ ފާހަގަކުރިއެވެ.
މޮރީނިއޯ އިތުރަށް ބުނީ ކުރިއަށް އޮތް ސީޒަނުގައިވެސް އޭނާ ރޯމާގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިންނާއި އޭނާއަށްވެސް އެއަށްވުރެ ރަނގަޅު ގޮތްތަކެއްވުން ހައްގުކަމަށެވެ. މީގެ އިތުރުން ޓީމުގެ މޫނުމައްޗެއްގެ ގޮތުގައި ހުރެ، ދުނިޔެއާއި ކުރިމަތިލުމަށް އޭނާ މިހާރު ވަރުބަލިވެފައިވާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ. އެގޮތުން ޓީމުގައި އިތުރަށް މަޑުކުރާނީ އޭނާއަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ކްލަބުން ފޯރުކޮށްދިނުމުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
ރޯމާއާއެކު މޮރީނިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.