ads
އެފްއޭއެމް ސަލާމަތްކުރަމަށް ގޮވާލާ ޕޯސްޓަރެއް، އަދި ބައްސާމް
ފުޓުބޯޅަ އެސޯސިއޭޝަން ބަގުރޫޓުވެއްޖެ! ދިވެހި ފުޓުބޯޅައިގެ ކުރިމަގަކީ ކޮބާ؟
އެފް.އޭ.އެމް. ބަގުރޫޓްވެއްޖެއެވެ! ސިޔާސީ ހަލަބޮލިކަމެއްގެތެރޭ ގައުމުދަތުރުކުރަމުންދާއިރު، އެފް.އޭ.އެމް. ގެ މަގާމްތަކަށް ވެޑުވުނީ ކުޅިވަރު އެޑްމިނިސްޓްރޭޓަރުންނެއް ނޫނެވެ. ކުޅިވަރުގެ މާފިޔާ އެކެވެ.

މިވަގުތު އިންޑިއާގައި ކުޅެމުންދާ ސަރަހައްދީ ފުޓުބޯޅަ ޗެމްޕިޔަންޝިޕްގެ ގްރޫޕް ސްޓޭޖުން ގައުމީ ޓީމް ފުރަތަމަ ފަހަރަށް ކަޓައިފިއެވެ. މީގެ މައުނައަކީ ސަރަހައްދުގެ ގަދަ ހަތަރަކުން ވެސް ކެޓުމެވެ. 

ފުޓުބޯޅަ ޖަމިއްޔާގެ ކަރަޕްޝަން އިންތިހާއަށް ގިނަވެ، މުބާރާތްތަކާއި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގަރާމްތައް ނުހިންގި، ކުޅުންތެރިންނަށާ ކޯޗުންނަށް މުސާރަ ނުދެވި، އެންމެފަހުން ގަައުމީ ޓީމް ވެސް ނުހިންގި، ބޮޑުތަނުން ބަލިވީއެވެ.

your imageގައުމީ ޓީމު ސިލޯނުގައި

ފުޓުބޯޅަ ރައީސްގެ އިސްތިއުފާ

ގައުމީ ޓީމް ބަލިވުމާގުޅިގެން މީޑިއާތައް މެދުވެރިކޮށް އެފް.އޭ.އެމް. ގެ ރައީސްގެ އިސްތިއުފާއަށް ގޮވުމުގެ އަޑު ގަދަވެއްޖެއެވެ. "ސޭވް އެފް.އޭ.އެމް" ކެމްޕޭން ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވާތަން ފެނެ އެވެެ. އަދި އާދަޔާ ހިލާފު ކޮންގްރެސްއަކުން އާ އެޑްމިނިސްޓްރޭޝަނެއް އައްޔަން ކުރަން ވެސް ގޮވާލާފައިވެއެވެ. އަނެއް ލިޔުންތެރިއަކު ގޮވާލާފައިވަނީ ފީފާ ސަސްޕެންޝަނެއްގެ ދެތިން އަހަރަކަށް ތަހައްމަލްކުރަން ޖެހުނުކަމުގައިވީ ނަމަވެސްް، ސަރުކާރުން މިކަމުގެތެރެއަށްވަދެ، އެފް.އޭ.އެމް. ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަމައަކަށް އަޅުވައިދީ، އެޖަމިއްޔާ ކާމިޔާބު ޖަމިއްޔާއަކަށް ބަދަލުކޮށްދިނުމަށެވެ.

އެހެން ނަމަވެސް، ރައީސްއަކަށް އިސްތިފާއެއް ނުދެއްވޭނެކަން ވެސް ދެނެގަންނަން ޖެހޭއެވެ. އެއީ، އެފް.އޭ.އެމް. ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އެކަން ހުއްދަ ނުކުރާނެތީކަމަށް ބުރަވެ ވެއެވެ. ހުއްދަކޮށްފިނަމަ، އެ މެމްބަރުގެ ސީދާ އަތަށް، ކްލަބް ފައިނޭންސިންގް ފައިސާ ލިބޭ މަގު ބަންދުވެދާނެތީކަމަށް ބުނެ އެވެ. މާނައަކީ، އެފް.އޭ.އެމް. ގެ އިތުބާރު ނެތިގެން މިއުޅެނީ ހިންގާކޮމިޓީގެ މެމްބަރުންނެއް ނޫންނެވެ. ހިންގާކޮމިޓީ މެމްބަރުން ތިއްބެވީ ފުދިފަ އެވެ.

އިތުބާރު ނެތިގެން މިއުޅެނީ ހިންގާކޮމިޓީން ބޭރުގައި ތިބި ބަޔެކެވެ. އެއީ ކުޅުންތެރިންނާއި، ކޯޗުންނާއި އޮފިޝަލުންނެވެ. މައްސަލައަކީ މުސާރަ ނުލިބުމެވެ.

your imageރައީސް ސޯލިހް ގަލޮޅު ދަނޑުގައި

ކޮންމެއަކަކަސް، ރައީސަށް އިސްތިއުފާ ދެވޭކަށް ނެތެވެ. އެއީ ރައީސް ވަކި ކުރުމުގެ މަސަލަހަތު ހިންގާކޮމިޓީގެ މެމްބަރުންގެ ވެސް ނެތުމުންނެވެ. މަސަލަހަތު ގެއްލިގެން އުޅެނީ ކޯޗުންނާއި ކުޅުންތެރިންނެވެ. އެވެރިން އަނގަމަޑުންލައިގެން ތިބެނީ ލިބެން އޮތް މުސާރަކޮޅު ވެސް ނުލިބިދާނެތީ އެވެ. ވީމާ އެސޯސިއޭޝަންގެ އެތެރެއިން ބަދަލެއް އައުމަކީ ވާނެކަމެއްކަމަކަށް ނުފެނެއެވެ.

ދެން އޮތީ، އެސޯސިއޭޝަންގެ ބޭރުން ހައްލެއް ހޯދޭނެ ގޮތެކެވެ. އެއީ ސަރުކާރުގެ އެހީތެރިކަމަށް އެދުމެވެ. ސަރުކާރުގެ އެހީތެރިކަމަށް އެދެން މިޖެހެނީ މުސާރަ ލިބޭނެގޮތެއް ހޯދުމަށެވެ. ކޯޗުންނާއި ކުޅުންތެރިން އެދެނީ މިޒަމާނުގައި، ފުޓުބޯޅައިގައި މަތީފެންވަރަށް ދެވެން އަންނަނީ ތަމްރީނަށް ގިނަވަގުތު ހޭދަކޮށްގެންކަމަށެވެ. މީގެ މާނައަކީ ފުޓުބޯޅަ ކުޅުމަކީ ފުލްޓައިމް ވަޒީފާއަކަށް ހަދަންޖެހޭކަމެވެ.

ކުޅިވަރު ވަޒީރުގެ ކަންފުޅެއް ނެތް؟

ސަރުކާރުގެ އެހީއަށް އެދެން ޖެހެނީ ކުޅިވަރު ވަޒީރު އަރިހުގައެވެ. އެފް.އޭ.އެމް. މިހާލަތަށް ވެއްޓެން ޖެހުނީ ވަޒީރުގެ އިހުމާލުންކަން އެނގެނީ ކުޅުންތެރިންގެ މުސާރައިގެ ޝަކުވާ މިނިސްޓްރީން ބަލައިދީފައިނުވާތީ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، އެފް.އޭ.އެމް. ގެ މުއައްސިސަކީ ސަރުކާރެވެ. ރަޖިސްޓްރީ ކޮށް، ބިންވެރިކޮށް، ފަންޑު ކުރަނީ ސަރުކާރުންނެވެ. ކަން މިހެން އޮތް ނަމަވެސް، އެފް.އޭ.އެމް. ގެ މައްޗަށް މިފަދަ ތުހުމަތުތައް ކުރުމުން، މިއިންކަމެއް ނުބެލި ދާދިއުމަކީ، އެތައްބައެއްގެ ކަންބޮޑުވުން އޮތްކަމަކަށް ވެއެވެ.

ކުޅިވަރު ވަޒީރުގެ ބެލުމުގެ ދަށުގައިވާ، ސްޕޯޓްސް ކައުންސިލް އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީސް ފަދަ ގާނޫނީ ބާރު ލިބިފައިވާ ރެގިއުލޭޓަރީ މުއައްސަސާތައް ހުންނައިރު، މިފަދަ ތުހުމަތުތައް އިންވެސްޓިގޭޓްކުރެވިފައެއް ނުވެއެވެ. އެފް.އޭ.އެމް. ވަނީ ޖަވާބުދާރީ ނުކުރެވިފަ އެވެ. ވަޒީރަށް އެފް.އޭ.އެމް. ޖަވާބުދާރީ ނުކުރެވިގެން އުޅުއްވަނީ، ފީފާ އިން ރާއްޖެ ސަސްޕެންޑްކޮށްފާނެތީކީ އެއް ނޫނެވެ. ވަޒީރަށް އެފް.އޭ.އެމް. ޖަވާބުދާރީ ނުކުރެވިގެން މިއުޅެނީ ހުދު ވަޒީރުގެ މައްސަލަތަކެއް ވެސް އިންވެސްޓިގޭޓް ކުރެވޭތީކަމަށްވުން އެކަށީގެންވެ އެވެ.

ވަޒީރަކަށް، ކުޅުންތެރިންގެ ހައްގުގައި އެއްވެސް މަސައްކަތެއް ކޮށްދެވިފައެއް ނުވެ އެވެ. ވަޒީރު ކުރެއްވިހާވެސް ކަމަކީ، ސްޕޯޓްސް އާބިޓްރޭޝަންގެ ނިޒާމް ގާނޫނުން ފޮހެލުމެވެ. ކުޅުންތެރިން މުސާރަ ހޯދަން ދާނެ ތަނެއް ނެތެވެ. ކޯޓަށް ގޮސްފިނަމަ އެފް.އޭ.އެމް. ގެ ސަސްޕެންޝަނެއް އަންނާނެ އެވެ. ވީމާ، އެފް.އޭ.އެމް. ގެ މައްސަލައިގައި ވަޒީރާ އެކު ސަރުކާރު ވެސް މިއޮތީ ފެއިލްވެފައެވެ. ކުޅުންތެރިން މިތިބީ އެފް.އޭ.އެމް. އާއި ކޯޓްތަކާ ދޭތެރޭ ތާށިވެފަ އެވެ. ސްޕޯޓްސް އާބިޓްރޭޝަންގެ ނިޒާމް އޮތީ އުވާލަން ހުށަހަލާފައެވެ.

އެފް.އޭ.އެމް. އާއި ރަޝިޔާގެ "ވާގްނާ" ގްރޫޕާ އަޅާކިޔާލުމުން ހައިރާންވާކަށް ނުޖެހޭނެ އެވެ. އެއީ އެފް.އޭ.އެމް. މިވަގުތު އެއުޅެނީ، އެޖަމިއްޔާގެ މުއައްސިސް، އަދި ފަންޑުކޮށްދޭފަރާތަށް ގޮންޖަހާ ގާނޫނުގެ ހުދޫދުން ވެސް ބޭރުގައި ކުޅުންތެރިންނަށް މުސާރަނުދީއެވެ.

އެފް.އޭ.އެމް. ގެ އަމާޒު ގެއްލުން

ފުޓުބޯޅަ އަކީ، ދިވެހި އިޖްތިމާއީ ތަރިކައެއްގެ ދަރަޖަ ހޯދާފައިވާ ކުޅިވަރެކެވެ. ނުވަދިހައިގެ އަހަރުތަކުގެތެރޭ ދަނޑު ފުރާލި ފުޓުބޯޅަ ލީގެއް މާލޭގައި އުފެދި ފައްކާވިއެވެ. ޖެހިގެން އައި ދެހާހުގެ ފުރަތަމަ 10 އަހަރަށް އަޅާލިއިރު، ސަރަހައްދީ ފެންވަރުގައި ނުބައްދަލު ރަނގަޅު ނަތީޖާ ހޯދި އެވެ. އިންޑިއާ ބަލިކޮށްފި އެވެ. ސަރަހައްދުން ބޭރުން، ޗައިނާ 1-0 ގައި ހިފަހައްޓާ، ކޮރެއާ އާއި ޑްރޯވެސް ކުރި އެވެ. ގައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓްކުރަން ދިވެހިން ނިކުތީ ފޯރި އާއި އެކު ގައުމީ ރޫހުގަ އެވެ. ދިވެހި ފުޓުބޯޅަ އާއި ގައުމިއްޔަތާއި ގުޅި ލާމެހުނީ ބައިނަލް އަގުވާމީ ފެންވަރުގައި މޮޅު ނަތީޖާ ހޯދަން ފެށުމުންނެވެ. ފުޓުބޯޅަ ބެލުންތެރިން ގިނަވެ ފުޓުބޯޅައިގެ އެސެޓް ވެލިއު އެތައް ގުނައެއް މަތިވިއެވެ.  

your imageރާއްޖޭގެ ކުރީގެ ފުޓުބޯޅަ ޓީމް

ކުޑަދުވަސްކޮޅެއްގެތެރޭ، ކުޑަކުޑަ އާބާދީއެއް އޮތް ޖަޒީރާ ގައުމަކާ ނުބައްދަލު ނަތީޖާ ނެރުމުން، އެދުވަސްވަރުގެ އޭޝިއާގެ "ނިއު ކިޑް އޮން ދަ ބްލޮކް" ގެ ލަގަބް ލިބުމެވެ. ނިކުތް ނުނިކުތް ތަނެއް ނޭނގި ކުއްލިއަކަށް ދައްކާލި މާމޮޅު، "އާ ސޮރެއް" ގެ ލަގަބެވެ. ފުޓުބޯޅައިގެ އެސެޓް ވެލިއު އަރައިގެން ދިޔައެވެ! މިހިސާބަށް ދެވުނީ ކުޅުންތެރިނަށް މުސާރަ ލިބެން ފެށުމުންނެވެ.

އެހެން ނަމަވެސް މިވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭ އެފް.އޭ.އެމް. ގެ އަމާޒު މުޅިން ގެއްލިއްޖެއެވެ. އެސޯސިއޭޝަންގެ އެޑްމިނިސްޓަރޭޝަންގެ ވެރިންގެ މައްޗަށް ކުޅުންތެރިންނާއި ކޯޗުންނާއި ކްލަބް އޮފިޝަލުންގެ އިތުބާރާއި އިހްތިރާމް ގެއްލިއްޖެއެވެ. ކުޅުންތެރިން އުއްމީދު ކުރީ، އެފް.އޭ.އެމް. އަކީ އެކުޅުންތެރި ފުޓުބޯޅައިގެ ދާއިރާއިން ގެންދެވެން އޮތް އެންމެ އުހަށް ގެންގޮސްދޭނެ ފަރާތެއްކަމުގައެވެ. އެހެން ނަމަވެސް، މިއަދު މިފެންނަނީ، އެފް.އޭ.އެމް. ގެ އަމާޒު ހުރީ، ކުޅުންތެރިންގެ ބަދަލުގައި، އެކްސްކޯ މެމްބަރުން ހިތްހަމަޖައްސާދިނުމަށް ކަމެވެ.

ކުޅުންތެރިންނަށް ކުޅެން ލިބޭ މުބާރާތްތައް ޔަގީންކަމާއެކު ތާވަލެއް ނުކުރެވެއެވެ. ނުވެސް ހިންގެ އެވެ. ރެފްރީންނަށް ބިރު ދައްކައެވެ. މިއީ ކުޅުންތެރިންގެ ފެންވަރު ދަށްވެ، މޯޓިވޭޝަން ގެއްލޭނެކަންކަމެވެ. މިއަދު ދިވެހި ލީގްގެ މެޗަކީ ދަމަކުން ބަޑިއެއް ޖަހާހެން ދޭތެރެދޭތެރެއިން ސޯޝަަލް މީޑިއާއިން އިވޭއަޑެކެވެ. އެކަށީގެންވާ ގައުމީ ލީގެއް ގާއިމެއް ނުކުރެވުނެވެ. ހުރިހާ ކަމެއްވެސް އަންނަނީ، އަންނަނީގާ އޮންނަތާ އެތައް އަހަރެއްވީ އެވެ. އެތައް އަހަރެއް ގެއްލިއްޖެއެވެ. މީގެސަބަބުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ޖަހާފައި ހުރީ ދަށަށެވެ.

your imageއެފްއޭއެމްއިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ

އެފް.އޭ.އެމް. ގެ އަމާޒު ގެއްލުނީ އެޖަމިއްޔާ ކަރަޕްޓް ވެގެންނެވެ. ދަރަނިވެރި ވީ ކަރަޕްޝަންގެ ސަބަބުންނެވެ. އެފް.އޭ.އެމް. އަކީ ސަރުކާރު ފަންޑިންގެ އިތުރުން ފީފާގެ ޑިވެލޮޕްމަންޓް އެހީ ގޮތުގައި އަހަރަކު 1،500،000 ޑޮލަރު ލިބޭ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ އަހަރީ ބަޖެޓް 100،000،000 މިލިއަން ރުފިޔާއާ ގާތްކުރެއެވެ. ކްލަބަކްށް އަހަރަކަށް 3،000،000 މިލިއަން ރުފިޔާގެ ރޭޓުން 10 ވަރަކަށް ކްލަބަށް ދޭންޖެހޭ 30،000،000 މިލިއަން ރުފިޔާ ނުލިބިގެން ކުޅުންތެރިންނަށް މުސާރަނުދެވި އުޅެން ޖެހޭކަށް ނުޖެހެ އެވެ. ކުޑަކުއްޖަކަށް ވެސް މިވަރު އޮޅުންފިލާނެ އެވެ. އެފް.އޭ.އެމް ގެ އިތުބާރު ގެއްލުމުން ލިބޭ ގެއްލުންތައް ގިނަގުނަ އެވެ. ކަރަޕްޓް، ޓޮކްސިކް ޖަމިއްޔާއަކާ ވިޔަފާރި ސޮޕްންސަރުން ވެސް ބޭނުންވާނީ ދުރުވާށެވެ.

ދެން ހަދާނީ ކިހިނެއް؟

އެފް.އޭ.އެމް. ގެ ރާއީސްއަކަށް އިސްތިއުފާ ދެއްވާކަށް ނުކެރޭނެ އެވެ. ހަމަ އެފަދައިން އެކްސްކޯ މެމްބަރުންނަކަށް، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއްވެސް ނަގާކަށް ނުކެރޭނެ އެވެ. ގެއްލެން އޮތް ފައިސާފޮތީގެ ބޮޑުކަމުންނެވެ. ސަރުކާރަށް ކޮށްދެވުނުކަމެއް ނެތެވެ. ވަޒީރު، ހުންނެވީ ހަނެވެ!

your imageބައްސާމް އަދި މިނިސްޓަރު މަހުލޫފް

މިފަދަ ވަގުތަކީ، މަސްލަހަތު ގެއްލިފައިވާ ކޯޗުންނާއި، ކުޅުންތެރިންނާއި، އޮފިޝަލުން، އެއްފިކުރެއްގާ އެއްވާންވީ ވަގުތެވެ. މާނައަކީ، ގެއްލިފައިވާ މުސާރަ އާއި، ވަގުތާއި، އޮޕަޗުނިޓީ ކޮސްޓްގެ އަގު ވަޒަންކޮށް، އެއަގު ހޯދަން ވަކާލާތުކޮށް، އަޑު އުފުލުމެވެ. އަޑު އުފުލުމަކީ މަޝްވަރާ ކުރުމެވެ. ސޭވް އެފް.އޭ.އެމް. ގެ ފިކުރުގައި ތިބި ޒުވާނުން އެއްވުމެވެ. އަދި މަޝްވަރާ ކުރުމެވެ. ފެންނަ ފެނުމުގައި މި ހަރަކާތް ފެށިއްޖެ އެވެ. ނޫސްތަކުން މިފަދަ މަޝްވަރާތައް ރިޕޯޓް ކުރާނެކަން ޔަގީނެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ، މިފަދަ ވަގުތެއްގައި އެމައްޗަށް ބުރަވެ، އެހައްގުތައް ބޭނުން ކުރަންވީ ވަގުތެވެ. މިއީ ފުޓުބޯޅަ ކޮންފަރެންސެއްގެ ވަގުތެވެ.

ވިސްނުން ބެހެއްޓިދާނެ އިތުރު އެހެން ގޮތަކީ، ވިޔަފާރި އުސޫލުން، އެފް.އޭ.އެމް އާއި ވަކިން، ހޯމް އެންޑް އަވޭ ޖަޒީރާ ލީގެއް ފައިނޭންސް ކުރާނެ ވިޔަފާރި މޮޑެއްލް އެއް ވުޖޫދު ކުރުމެވެ. މިއީ މިކަން ދަސްކޮށްދިނުމަށް ފީފާ އިން އިންޓަނޭޝަނަލް ގްރެޖުއޭޓް ޕްރޮގްރާމް ހިންގާ ފަންނެކެވެ. ކުޅިވަރު ދުނިޔޭގައި މިހާރު އުފެދި ފައްކާވެފައިވާ ސްޕޯޓްސް މެނެޖްމަންޓް ކުންފުނިތަކުން ޖަޒީރާ ލީގެއް ފަދަ ލީގެއް ދެކޭނީ ވިޔަފާރި އެސެޓެއް ގޮތުގައެވެ.

ވިޔަފާރި އުސޫލުން ލީގް ބައްޓަންކުރުން

އުވާލުމުގެ މަގުމަތީ މިވަގުތު އޮތް ސްޕޯޓްސް މެނޭޖްމަންޓް ކުންފުނިން މިކަން ނުކުރެވޭ ނަމަ، މިފަދަ ވިޔަފާރިއަކަށް ޝައުގުވެރިވާ ކުންފުންޏަކަށް މިއީ ބޭނުން ކުރެވިދާނެ ފުރުސަތެއްކަމަށް ފެނެ އެވެ. މިހެން މިދެނެނެވީ، އެފް.އޭ.އެމް. އެވަނީ ދަރާފަ އެވެ. މައްސަލަތައް ގިނަ އެވެ. އެޖަމިއްޔާގެ ދަރަނި ފިލުވައިދިމުގެ ބަދަލުގައި، ޖަޒީރާ ލީގް ހިންގުމުގެ ސްޕޯޓްސް ރައިޓްސް، އެކުންފުންޏަށް ނެގޯޝިއޭޓް ކުރެވިއްޖެނަމަ، ޖަޒީރާ ލީގަކީ ކުޅުންތެރިންނަށް މުސާރަ ދޭ، ކުޅުންތެރިންނާއި ކޯޗުންގެ މަސަލަހަތު ހިމާޔަތް ކޮށްދޭ ފަރާތަކަށް ހެދިދާނެއެވެ.

މިޒަމާނަކީ، އެސޯސިއޭޝަނުން ލީގް ހިންގާ ޒަމާނެއް ނޫނެވެ. އެޝިއާގެ ގިނަ ލީގްތައް މިއަދު ހިންގަނީ ސްޕޯޓްސް މެނެޖްމަންޓް ކުންފުނިތަކުންނެވެ. ވީމާ މިމަސައްކަތް ކުންފުންޏަކަށް އައުޓްސޯސް ކުރުމަކީ ދެފަރާތަށް ވެސް ފައިދާ ހުރިކަމެއްކަމުގައި އެސޯސިއޭޝަނާއި ކުންފުނިން ވެސް އެއްބަސްވެވެވިދާނެ އެވެ.

your imageގައުމީ ޓީމުގެ ބައެއް ކުޅުންތެރިން

މިސާލަކަށް އަވަށްޓެރި އިންޑިއާގެ ސުޕަ ލީގަކީ އިންޑިއާގެ އެސޯސިއޭޝަނުން ހިންގާ ލީގެއްނޫނެވެ. ސުޕަ ލީގަކީ ވިޔަފާރި އުސޫލުން އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ ސްޕޯޓްސް މެނެޖްމަންޓް ކުންފުންޏަކުން އިންޑިއަން އެފް.އޭ. އިން 100 މިލިއަން ޑޮލަރަށް 25 އަހަރަށް ސްޕޯޓްސް ރައިޓްސް ގަނެގެން ހިންގާ ލީގެކެވެ. މޮޅު ލީގެއް އޮތުމުގެ ނަތީޖާއަކީ މޮޅު ގައުމީ ޓީމެކެވެ. އިންޑިއާ ފަހާ ދުވަން ބޭނުން ނަމަ، ރާއްޖެއަށް ވެސް ޖެހޭނީ ވިޔަފާރި އުސޫލުން ޕްރޮފެޝަނަލް ފުޓްބޯޅް ލީގެއް ގާއިމްކުރާށެވެ. 

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް