ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ އިގުތިސޯދީ މަޝްރޫއުތަކާ އެކު އިމްޕޯޓް އެކްސްޕޯޓާއި މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ގުޅިފަޅުގެ ބިން ހިއްކުމަށްފަހު މާލޭގެ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވޯކްޝޮޕްތަކާއި ބައެއް ވިޔަފާރިތައް ގުޅިފަޅަށް ބަދަލުކުރާނެ ކަމަށެވެ. އެ ބަދަލުތަކުގެ އިތުރުން ގުޅިފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމާ ބެހޭ ރޭވުންތައް މިހާރު ގާތްގަނޑަކަށް ޕްލޭންކޮށް ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ދެ ބަނދަރު ތަރައްގީކުރެވުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައެވެ. އެކަމުގެ ސަބަބުން ވިޔަފާރި އާއި އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅިފަޅުގެ ބިމަށް ސަރުކާރުން މިހާތަނަށް އިތުރުކޮށްފައިވާ 42 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 68 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާއިރު މިއަދު ފެށި މަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަަަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 130.4 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށެވެ.