އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭ އެ ސެޝަނަކީ އެ ކޮންފަރެންސްގައި ބޭއްވި ތިން ވޯކްޝޮޕްގެ ތެރެއިން އެއް ވޯކްޝޮޕް ކަމަށެވެ.
'ހީލިން ދަ އާތް' ލީޑް ކުރެއްވީ ވޯކްޝޮޕް ބޭއްވި ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގެ ރެޒިޑެންޓް މެރިން ބަޔޮލޮޖިސްޓް ކޭޓް ޝެރިޑަން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ އެ ބްރޭކްއައުޓް ސެޝަނުގައި މުރަކަ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރި ކަމަށެވެ. އެގޮތުން ކަނޑުގެ ދިރުންތަކަށް ދިރިއުޅޭނެ އާ މާހައުލުތައް އުފެއްދުމާއި ކަނޑުގެ އިކޯސިސްޓަމްތަކުގެ ބެލެންސް ބެލެހެއްޓުމުގެ އިތުރުން ރަށް ގިރުމުން ރައްކާތެރިކުރުމުގައި މުރަކަތަކުގެ ދައުރު ތަފްސީލުކޮށް ސެޝަނުގައި ބައިވެރިންނަށް ކިޔައިދިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ކަނޑުއަޑީގެ ދިރުންތަކާއި މުރަކަތަކަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ބްލީޗްވުމާއި ކަނޑުގެ އެސިޑިފިކޭޝަން އަދި އޯވާފިޝިން ފަދަ ނުރައްކާތައް ތަފުސީލުކޮށް ކިޔައިދީފައިވާ ކަމުގައެވެ.
އެމްއެމްޕީއާރުސީން ބުނީ ބައިވެރިން މުރަކަ އިންދުމުގެ ސެޝަނެއްގައި ބައިވެރިވެ، ފްރޭމެއްގައި މުރަކަ އިންދާ، ދުޅަހެޔޮ މުރަކަ ކޮލޯނީތައް ހައްދާނެގޮތް ދަސްކޮށްފައިވާ ކަމަށެވެ. ޝެރަޓަންގެ ހައުސް ރީފްގައި ސްނޯކްލްކޮށް ކަނޑުއަޑީގައި މިހާރު ހުރި މުރަކަ ފްރޭމްތައް ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެމްއެމްޕީއާރުސީން ބުނީ އެ ސެޝަނުގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ހަޒާނާ ރައްކާތެރިކުރުމަށް ހިއްސާކުރުމަށް ބައިވެރިންނަށް ހިތްވަރުދެވުނު ކަމަށެވެ.
އެ ސެޝަނުގައި ކޮރަލް ޕްރޮޕެގޭޝަން އާއި ކޮރަލް ފްރޭމް ކޮންސްޓްރަކްޝަން ފަދަ ރާއްޖޭގައި ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތްތަކަށް އަލިއަޅުވާލުމުގެ މަގުސަދު ހާސިލުވި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ ރާއްޖޭގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ ސިނާއަތާ އޮތް ގާތް ގުޅުން އުނގެނުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގަައި މުރަކަތަކުގެ މުހިންމުކަމާއި ރާއްޖޭގެ ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތައް ވޯކްޝޮޕުން ދަސްވި ކަމަަށާއި އެ ހަރަަކާތްތަކުގެ ސަބަބުން މުސްތަގުބަލަށް އުންމީދު އާވެއްޖެ ކަމަށް އެއް ބައިވެރިޔަކު ފާހަގަކުރި ކަމުގައެވެ.
ރާއްޖޭގެ އިގުތިސޯދުގައި ފަތުރުވެރިކަން އަދާކުރާ މުހިންމު ދައުރާއި ދުޅަހެޔޮ ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ފަތުރުވެރިކަން ބަރޯސާވާ މިންވަރު ވަރަށް ކައިރިން ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ފުރިހަމައަށް 'ހީލިން ދަ އާތް' ބްރޭކްއައުޓް ސެޝަނުގައި ބައިވެރިންނަށް ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ އެ ސެޝަނުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުކަން ފުންކޮށް ވަޒަންކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ ކަނޑުގެ ދިރުންތަކާއި ތިމާވެށީގެ ހިމާޔަތުގައި ފިޔަވަޅުއެޅުމަށް ބައިވެރިންނަށް އިންސްޕަޔާ ކުުރުމަކީ އެ ސެޝަނުގެ އެއް އަމާޒު ކަމަށެވެ.