ads
ރައީސް ޔާމީން
ޔާމީންގެ މައްސަލަ ބުދަ ދުވަހަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ކުރިން ވަނީ އެ ޝަރީއަތް އަވަސްކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.

ހައި ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީއެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި މައްސަލަ ނިންމުމަށް އިދިކޮޅު ޕީޕީއެމްއިން ވެސް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ބަންދުވާނެއެވެ.

ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އިންތިހާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ނަންގަވާފައިވަނީ މިދިޔަ އަހަރު ޝެޑިއުލްކޮށް ހަމަޖައްސާފައި އޮތް ޗުއްޓީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް