
ވިނަރެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވެސް އާބަންކޯ އިން މިހާރު ވަނީ ފަށާފަ އެވެ.
ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވުނު ފަރާތްތަކަށެވެ.
އާންމުންނަށް ލިބޭ ފްލެޓްގެ އަދަދު މުޅިން ސާފުވާނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކުގެ ތެރެއިން ވިނަރެސްއަށް ފްލެޓް ބަދަލުކުރި ފަރާތްތަކުގެ އަދަދު ސާފުވުމުން ކަމުގައި އާބަންކޯއިން މައުލޫމާތު ދެއެވެ.
ވިނަރެސް ފުލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީ ނުވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކެޓަގަރީން 1،094 މީހުންނާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.
ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގައެވެ.
.