
އަންގާރަ ދުވަހު ސަރުކާރުން އިއުލާންކުރި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި 9 ބިލިއަން ޑޮލަރުގެ ބްލޮކްޗެއިން އަދި ޑިޖިޓަލް އެސެޓް ހަބެއް މާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަޝްރޫއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާކޮށް، ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއު ފުރިހަމަވުމުން 16،000 ވަޒީފާ އުފެދޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ ޖީޑީޕީ 4 އަހަރުގެ ތެރޭގައި ތިން ގުނަ ކުރެވޭނެކަމަށް ބެލެވެއެވެ.
މި ހަބަކީ ޓެކްސް ފްރީ ފައިނޭންޝަލް ޒޯނެއްގެ ގޮތުގައި ހިންގާ، 100 ޕަސަންޓު ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ، ހާއްސަ ޓެކްސް ގަވާއިދުތަކާއެކު ހިންގާ ތަނަކަށް ވާނެއެވެ. މީގެ އިތުރުން މަލްޓި-ކަރަންސީ ބޭންކިން، އޮފްޝޯ ޕްރައިވެޓް ބޭންކިން، ޑިޖިޓަލް އެސެޓް އަދި ގްރީން ފައިނޭންސް ފަދަ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ހަބުގެ މަސައްކަތް 2030 ވަނަ އަހަރު ނިމޭނެކަމަށް ލަފާކުރެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.