ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ބޭއްވި ތިން ވަނަ މަޝްވަރާ ބައްދަލުވުމަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ހުސެއިން އަމްރު އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ، އަމާޒުވި ބައެއް ސުވާލުތަކާ ގުޅިގެން، ރައީސް އޮފީހުން ބުނާ ގޮތަށް، ފައިސާއަށް ސުވާލު ކުރާ ކަމުގެ ތުހުމަތު ބައެއް ނޫސްވެރިންގެ ބޮލުގައި އަޅުއްވައިފަ އެވެ.
މިކަމާ ގުޅުވައި ނެރުނު ނޫސް ބަޔާނުގައި ބުނީ، ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާ ކަމަށް އެކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، އަނިޔާތަކާއި އިންޒާރުތަކުގެ އިތުރުން މިހާރަކަށް އައިސް ކައުންސިލަށް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމު އަޅުވަމުންދާ މައްސަލަ ކަމަށެވެ.
މީޑިއާތަކުގެ ބެލިނިވެރި ފަރާތްކަމުގައިވާ މީޑިއާ ކައުންސިލުން ބުނީ، މިފަދަ ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ، މީޑީއާގެ މިނިވަންކަމަށް އެޅިގެންދާ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނިއެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތައް ޖަވާބުދާރީ ކުރުމަށް އޮތް މީޑިއާގެ ޒިންމާއަށް ހުރަސް އެޅޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއާއެކު މިފަދަ އަމަލުތައް ހުއްޓާލުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.
"...ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް މީގެ ސަބަބުން ހުރަސްތަކެއް އެޅިގެންދާ ކަމަށް މި ކައުންސިލުން ދެކެމެވެ." އެމްއެމްސީން ބުންޏެވެ.
ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވާއިރު، އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެއެވެ.